މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރަން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބާއްވާ ޕެއިންޓް ބޯލް މުބާރާތުގެ ގުރުނަގައިފި އެވެ.
އާދިއްތަ ދުވަހު ބާއްވާ މުބާރާތަކީ ސްރީލަންކާގައި ދިރިއުޅޭ ޒުވާނުންނާއި ބްލެކް ފައުންޑޭޝަން ގުޅިގެން މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވާ ކުޅިވަރު ފޯރީގެ ފުރަތަމަ މުބާރާތެވެ.
ޖުމުލަ 16 ޓީމަކުން ބައިވެރިވެ، 130 ކުޅުންތެރިއަކު ފެނިގެންދާނެ މި މުބާރާތުގެ ގުރު ނެގުން މިރޭ ބޭއްވީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގަ އެވެ.
މުބާރާތް އިންތިޒާމް ކުރާ އިސް ބޭފުޅަކު ވިދާޅުވީ މި މުބާރާތަކީ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ބާރު ދިނުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް އިންތިޒާމް ކުރުމަށް ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޔޫތު މިނިސްޓްރީ އާއި ބްލެކް ފައުންޑޭޝަނުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
މުބާރާތް މާދަމާ ހުޅުވައި ދެއްވާނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތާއި ބްލެކް ފައުންޑޭޝަނުގެ ރައީސް އިސްމާއީލް ރިފާއު އެވެ.