ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާންއަށް ފާޑު ކިޔައިގެން ޖަލަށް ލެވުނު މީހުންނަށް އޭނާ މާފް ދީފި އެވެ.
އިއްޔަ އަންކާރާގައި ވަހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ ތުރުކީއަށް "ގެންނަން އުޅުނު ބަޣާވާތާ" ގުޅިގެން ގައުމުގެ އެކުވެރިކަން ދެމެހެއްޓުން މުހިންމު ކަމަށާއި އޭނާއަށް ފާޑު ކިޔައިގެން ދައުވާ އުފުލާފައިވާ މީހުންނަށް ފިޔަވަޅު އަޅަަން ބޭނުން ނުވާކަމަށެވެ.
"އަހަރެން އެ އެންމެންނަށް މާފް ދީފިން،" އަންކާރާގެ ހުންނަ ރިޔާސީ ގަނޑުވަރުގައި އާންމުންނާ ބައްދަލުކުރައްވައި ވަހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވި އެވެ.
އުރުދުގާން ވަނީ އެމެރިކާގެ އަސްކަރިއްޔާގެ އިސްކޮމާންޑް ޖޯސެފް ވޯޓަލް "ބަގާވާތަށް ތާއީދު ކުރާ" ކަމަށް ބުނެ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ.
ބަޣާވާތާ ގުޅިގެން ތުރުކީގެ ފޯކަސް މުޅިން އެކަމަށް ހުސްވެ އައިއެސްއާ ދެކަޅަށް ކުރަމުންދާ ހަނގުރާމަ ފިނިވެއްޖެ ކަމަށް ބުނެ ވޯޓަލް ވިދާޅުވީ "މިކަމުގެ ސަބަބުން ތުރުކީއާ އަހަރެމެންނާ ދެމެދު އޮތް ގުޅުމަށް އަސަރު ކުރަމުންދޭ، ކުރިން ހަރުދަނާ ކަމާއެކު އެއްބާރުލުން ދެމުން ދިޔަ" ކަމަށެވެ. ތުރުކީއަކީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާ ގައުމެކެވެ.
އުރުދުގާން ވިދާޅުވީ "އެމެރިކާގެ ޖެނަރަލްގެ ވާހަކަތައް ހުރީ ބަޣާވާތަށް ތާއީދު ކުރާ ރާގެއްގައި" ކަމަށެވެ.
އުރުދުގާން ވަނީ ވާހަކަފުޅުގައި ހުޅަނގުގެ ގައުމުތަކަށް ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ. ބަޣާވާތާ ގުޅުން ހުރި މީހުން ހައްޔަރު ކުރާތީ އެކަމަށް ހުޅަނގުން ފާޑުކިޔާތީ އުރުދުގާން ވިދާޅުވީ، އެއީ ބޭރުގެ ގައުމުތަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.
"ޓެރަރިސްޓް ހަމަލާއެއްގައި ފަހެއް ނުވަތަ 10 މީހުން މަރުވާއިރަށް މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނޭ. މުޅި ދުނިޔެ އެކަމަށް ހުސްކުރޭ. ނަމަވެސް 52 ޕަސަންޓް ވޯޓާއކު ޑިމޮކްރެޓިކް އިންތިހާބަކުން ހޮވިފައިވާ ތުރުކީގެ ރައީސްއާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅުމުން ހުޅަނގަށް އެއީ މައްސަލައެއް ކަމަށް ނުވޭ" އުރުދުގާން ވިދާޅުވި އެވެ.