ދުނިޔެ

ޓޯކިޔޯގައި ފުރަތަމަ ފަހަރަށް އަންހެން ގަވަރުނަރަކު އިންތިހާބުކޮށްފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ގަވަރުނަރު ކަމަށް އިންތިހާބުކޮށްފި އެވެ. ފުރަތަމަ ގަވަރުނަރު ކަމުގައި އިންތިހާބުވެ ވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު ޔްރީކޯ ކޮއިކޭ އެވެ.

މިނިވަން ކެނޑިޑޭޓެއް ގޮތުގައި އިންތިހާބުގައި ވާދަ ކުރައްވާ ޔުރީކޯވަނީ 2.9 މިލިއަން ވޯޓު ހޯއްދަވާފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ގަވަރުނަރަކު އިންތިހާބު ކުރުމުގެ އިންތިހާބެއް ޖަޕާނުގައި ބާއްވާފައިވަނީ މިދިޔަ މަހު އެ ގައުމުގެ ކުރީގެ ގަވަރުނަރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔުރީކޯއަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް ނިސްބަތްވާ މެމްބަރެކެވެ.

ޔުރީކޯއަކީ ގަވަރުނަރު ކަމަށް އެކަށީގެންވާ މީހެއްނޫން ކަމަށްބުނެ އެތައް ބަޔަކުވަނީ އޭނައަށް ފާޑު ކިޔުންތަކެއް ވެސް އަމާޒުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ގަވަރުނަރު ޝިންތާރޯ އިޝީހާރާގެ ބައްޕަ ވެސް ހިމެެނެ އެވެ.

"އަހަރުމެންނަކަށް ޓޯކިޔޯއެއް އަންހެނެއްގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެ. ހާއްސަކޮށް މޭކަޕްކުރެއްވުމުގައި އަރާހުރި އަންހެނަކަށް" ޝިންތާރީގެ ބައްޕަ ވިދާޅުވި އެވެ.

އުމުރުން 64 އަހަރުގެ ޔްރީކޯ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 21 ކެނޑިޑޭޓުންނާ ވާދަކޮށް ބޮޑު އަޣުލަބިއްޔަތަކުންނެވެ.