އެޗްޑީސީ

ހުޅުމާލޭގައި 94 ހައުސިން ޔުނިޓް އަޅަން އެންސިސްއަށް ދީފި

ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ އެކު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ވޯޓާ ފްރޮންޓަށް ވާގޮތަށް އޮންނަ ސަރަހައްދުގައި އެކި ފެންވަރުގެ 94 ހައުސިން ޔުނިޓް ތަރައްގީ ކުރާނެ އެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން އެވެ. އެންސިސް ގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއީލެވެ. ހުޅުމާލޭގައި 94 ހައުސިން ޔުނިޓް އަޅަން އެންސިސް އާ ހަވާލުކޮށްފައިވަނީ ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިންނެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމައި ފްލެޓްތައް އެޗްޑީސީއާ ހަވާލުކުރަން ޖެހޭނެ އެވެ. އަދި އަޅާ 94 ފްލެޓަކީ އެކި ބޭނުންތަކަށް ދޫކުރުމަށް ނިންމާފައިވާ ފްލެޓް ތަކެކެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް މީގެ ކުރިން ވަނީ، އިންޑިއާގެ ކުންފުންޏެއްގެ އިތުރުން، ދަމާސް އާއި ބެޗް ކޮންސްޓްރަކްޝަނާއި އެޕޯލޯ ހޯލްޑިންގްސްއާ ވެސް ހަވާލުކޮށްފަ އެވެ.