އޮބިޗުއަރީ

އެންޑީ އަބްދުﷲ އަވަހާރަވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް: ރައީސް

Aug 1, 2016
1

ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. ޢަބްދުﷲ ޢަބްދުލްޙަކީމް (އެންޑީ އަބްދުﷲ) ނިޝާން ރެހެންދީގެ އިތްޒަތްތެރި ވެރިޔާ އަވަހާރަވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްހެ އެވެ.

އެންޑީ އަބްދުﷲ އަވަހާރަވުމާ ގުޅިގެން، އެޢާއިލާއަށް ރައީސް ޔާމީން ތައުޒިޔާ ދެންނެވުމާއެކު ވިދާޅުވީ އެންޑީ އަބްދުﷲ އަވަހާރަވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމެވެ. އަދި ޑރ. އެންޑީ ޢަބްދުﷲ އަކީ ލޮލުގެ ހާއްސަ ޑޮކްޓަރަކަށްވުމާއެކު، އެ ރޮނގުން ރާއްޖޭގެ ވަރަށްގިނަ އަދަދެއްގެ ބަޔަކަށް ޚިދުމަތް ދެއްވާފައިވާ ޑޮކްޓަރެއް ކަމަށެވެ.

އެންޑީ ޢަބްދުﷲ އަކީ ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. 1964 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ އޭނާގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދިޔައީ ލިބެމުންނެވެ.

ޚިދުމަތް ފެށްޓެވިއިރު އޭރު ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ދަތިކަމަކީ، ލޮލުގެ އެއްވެސް ބާވަތެއްގެ ބޭހެއް އޭރު ރާއްޖޭގައި ނެތުމާއެކު، އަދި ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ ސާމާނުވެސް ރާއްޖޭގައި ނެތުމެވެ. އެހެންކަމުން، އޭނާއަށް ޖެހިވަޑައިގަތީ ޢާންމު ބަލިތަކަށް ފަރުވާދެއްވަމުން ގެންދެވުމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަންނަވަން ފެށްޓެވިއެވެ.

އޭނާގެ ފާހަގަކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި، ދިރޭ ލޯޖެހުން، 1981 ވަނަ އަހަރު ރާއްޖެއަށް ތަޢާރުފް ކުރެއްވުން ހިމެނެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫޢު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީވެސް އޭނާއެވެ.

އިއްޔެ އަވަހާރަވި އިރު އެންޑީ ޢަބްދުﷲ ވަނީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާ ހޮސްޕިޓަލްގެ މުހިންމު މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. މިގޮތުން، ރަޖިސްޓްރާ އިން އޮފްތަލްމޮލޮޖީގެ މަޤާމާއި، އައި ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވިއެވެ. އޭގެއިތުރަށް މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ގޮތުންވެސް ޚިދުމަތް ކުރެއްވިއެވެ. 14 ޖަނަވަރީ 2007 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއާ މެޑިކަލް ސުޕްވައިޒަރުގެ މަޤާމުގައެވެ. އޭނާގެ ޚިދުމަތް، ސަރުކާރުގެ ދާއިރާގެ އިތުރުން، އަމިއްލަފުޅުގޮތުންވެސް ގިނަ އަދަދެއްގެ ބަޔަކަށް ދެއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅުގެ މެންބަރުކަން 14 އަހަރުދުވަސް ވަންދެން ކުރެއްވި ބޭފުޅެކެވެ.