ފެން ބޮޑުވުން

އާސާމަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ 28 މަރު

Aug 1, 2016

އިންޑިއާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ ސްޓޭޓްގެ ބޮޑު ބަޔެއްގައި ފެން ބޮޑުވެ ހަފުތާއެއްގެ ތެރޭގައި އެ ސްޓޭޓްގެ 28 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާސާމްގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވާ ގޮތުން މި ވިއްސާރައިގެ ސަބަބުން އެ ސްޓޭޓްގެ 1.1 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ލައްކައަކަށްވުރެ މީހުން ވަނީ ވަގުތީ ހިޔާތަކުގައި ރައްކާތެރިކަން ހޯދާފަ އެވެ. ވިއްސާރާގައި ސްޓޭޓްގެ 23 އަވަށެއްގެ ދެ ލައްކަ ހެކްޓަރުގެ ދަނޑުބިމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ފެން ބޮޑުވުމުގެ ސަބަބުން ލިބިފަ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓްގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ސްކޫލް ފަދަ ތަންތަނުގައި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ކޭމްޕްތައް ޖަހާފަ އެވެ. އަދި އެ ކޭމްޕްތަކުން ކާނާ އާއި އެހެނިހެން ޒަރޫރީ ވަސީލަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

މި ސަރަހައްދުގެ ޖަންގަލީތަކުގައި ދިރިއުޅޭ ބައެއް ޖަނަވާރުންތައް ވެސް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރެއްގައި ވެސް ވިއްސާރަ މޫސުމުގައި މި ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. މިދިޔަ އަހަރު ވެސް މި ސްޓޭޓްގެ ފެންބޮޑުވެ އަގު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.