ހަނގުރާމައާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ހޫނުވެފައިވާ ޔަމަންގައި ސުލްހަ ގާއިމު ކުރުމަށް އދ. އިން ހުށަހެޅި ސުލްހައިގެ އެއްބަސް ވުމަށް ޝިއައީންގެ ހޫތީ ޖަމާއަތުން ދެކޮޅު ހަދައިިފި އެވެ.
ޔަމަންގެ ހާރިޖީ ވަޒީރު އަބްދުލް މާލިކް މެހްލަފީ ވިދާޅުވީ ޔަމަންގެ ސަރުކަރުން ސުލްހައިގެ އެއްބަސްވުން ދޫކޮށް ނުލަ ކަމަށާއި ނަމަވެސް ހޫތީ ހުށަހަޅާ ކަންކަން ދޫކުރަން އެއްބަސް ނުވާ ހިނދެއްގައި ސަރުކާރުން ވެސް އެއްބަސް ނުވާނެ ކަމަށެވެ.
ކުވޭތުގައި ކުރިއަށް ގެންދާ މަޝްވަރާތަކަށް އދ. އިން ހުށަހަލާފައިވަނީ ޔަމަންގެ ވެރިރަށް ސަންނާ ހިމެނޭ ގޮތަށް ތިން ސިޓީއެއް ހޫތީން ދޫކޮށްލުމަށެވެ. ނަމަވެސް އެ ތިން ސިޓީ ދޫކޮށްލަން ހޫތީން އެއްބަސް ނުވެއެވެ.
ކުވައިތުގައި ބޭއްވުމަށް މަސައްކަތް ކުރި ސުލްހައިގެ ވަހަކަތައް ދޫކޮށް، ޔަމަންގެ ސަރުކާރުގެ ވަފުދުން ވަނީ ކުވައިތު ދޫކޮށް އެނބުރި އައިސްފައެވެ.
"ސުލްހައިގެ ވާހަކަތަކަށް އަހަރެމެން އެއްބާރުލުން ދޭނަން، އަވަށްތެރި ކުވައިތު ދޫކޮށް އަހަރެމެން ވަފުދު އައި ނަމަވެސް މަޝްވަރާތަކުން އެކަހެރި ނުވަން" ހާރިޖީ ވަޒީރު މެހްލަފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އދ. ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމަށް ހުތީ ޖަމާއަތުން އެއްބަސްވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޔަމަންގެ ވަފުދު އޮތީ އަލުން ކުވޭތަށް ދާން ތައްޔަރަށް" ކަމަށެވެ.
ހުތީންގެ ވަފުދުން ބުނީ ހުތީން ހިމެނޭ ސަރުކާރެއްގެ ވާހަކަތައް ހިމެނޭ ސުލްހައިގެ ވާހަކަތަކެއްވެސް ފަށަން ޖެހޭނެ ކަމަށެވެ.
ހޫތީންނާ ޔަމަންގެ ސާޖާރާ ދެމެދު ސުލްހައިގެ ވާހަކަތައް އެންމެ ފުރަތަމަ ފެށީ މިއަހަރު އޭޕްރީލް މަހުއެވެ. ޔަމަންގެ މަސްރަހު އިތުރަށް ގޯސްވީ ޝިއައީންގެ ހޫތީ ޖަމާއަތުން ޔަމަންގެ ސުންނީ ސަރުކާރާ ދެކޮޅަށް ހަތިޔާރާއެކު ނިކުތުމުންނެވެ. އެއަށްފަހު ސައުދީ އަރަބިއްޔާ ހިމެނޭ ގަލްފްގެ އަސްކަރީ ކޯލިޝަނުން ވަނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އެހަނގުރާމައިގައި 6400 މީހުން ވަނީ މަރުވެފައެވެ.