ދުނިޔެ

ލީބިޔާގައި ހަރަކާތްތެރިވާ އައިއެސްއާ ދެކޮޅަށް އެމެރިކާ ހަމަލާ ފަށައިފި

Aug 2, 2016
2

ލީބިޔަގައި ހަރަކާތްތެރިވާ ދާއިޝް ނުވަތަ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ހަމަލާތައް ފަށައިފިއެވެ. އެމެރިކާގެ ހަމަލާތައް އައިއެސްއާ ދެކޮޅަށް ދޭން ފެށީ ލީބިޔާގެ އެއްބައިވަންތަ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

ލީބިޔާގައި އައިއެސް ހަރަކާތްތެރި ވަނީ އެގައުމުގެ ދެކުނު އައްސޭރީގައި އޮންނަ ސީރަތު ސިޓީގަ އެވެ.

"އެމެރިކާއިން ވައިގެ މަގުން ދާއިޝްއާ ދެކޮޅަށް ދިން ފުރަތަމަ ހަމަލާ ވެސް ވަރަށް ކާމިޔާބު، އެކަމުން އެމީހުން [އައިއެސް] އަށް ބޮޑު ގެއްލުމެއް ލިބޭނެ" އެއްބައިވަންތަ ސަރުކާރުގެ ބޮޑުވަޒީރު ފައްޔާޒު އަލް ސަރާޖް ޓީވީ އިންޓަވިއުގައި ވިދާޅުވިއެވެ.

އަލްޖަޒީރާއިން ބުނީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ލީބިޔަގެ ސަރުކާރުން އެދިފައިވަނީ، ލީބިޔަގެ އަސްކަރިއޔާއިން ވެސް ސީރަތުގައި އައިއެސްއާ ދެކޮޅަށް ހަމަލާތައް ދިނުމަށްފަހުގައި ކަމަށެވެ. އެގޮތުން ލީބިޔާގެ އަސްކަރިއްޔާއިން ވެސް އައިއެސްގެ ބައެއް ތަންތަނަށް ބޮމުގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

އެމެރިކާގެ ދިފާއީ އިދާރަ ޕެންޓަގަންގައި ވާހަކަ ދައްކަމުން ތަރުޖަމާން ޕީޓާ ކްކް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތަކުގައި ވައިގެ މަގުން ހަމަލާ ދިނުމަށް ލީބިޮޔާގެ އަސްކަރިއްޔާއާ އެކު އެމެރިކާގެ ވައިގެ ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ދިން ހަމަލާތަކުގައި ވެސް އައިއެސްގެ އަސްކަރީ ޓޭންކަރެއް ހަލަކުކޮށްފައިވާ ކަމަށެވެ.

އަލްޖަޒީރާއިން ބުނީ ސީރަތުގައި އައިއެސްއާ ދެކޮޅަށް ހަމަލާތައް ދިނުމަކީ އުނދަގު ކަމަކަށް ވާނެ ކަމަށާއި އައިއެސްއިން ބޮޑަށް ހަރަކާތްތެރިވަނީ ސީރަތުގެ އާންމުން އުޅޭ ސަރހައްދުގައި ކަމަށެވެ.