ރާއްޖޭގެ އެންމެ ޒަމާންވީ އެއް ކްލަބު ކަމަށްވާ ކްލަބު ވެލެންސިއާ ގަތުމަށް އަމިއްލަ ވިޔަފާރިވެރިއެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވެލެންސިއާ ގަތުމަށް ހުށަހަޅާފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވެ އެވެ. ވެލެންސިއާގެ ހުރިހާ ދަރަންޏެއް ހަލާސްކޮށް، އަހަރަކު ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ބަޖެޓެއް އެ ކްލަބަށް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަަމަކު މި ހުށަހެޅުމާމެދު، ވެލެންސިއާގެ ބޯޑު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށްވެ އެވެ. ބައެއް ބޯޑު މެމްބަރުން ކްލަބު ވިއްކާލަން ބޭނުންވި ނަމަވެސް، ކްލަބުގެ ޗެއާމަން ރާއީ ރަޝީދާއި އެހެން ބައެއް ބޯޑު މެމްބަރުން ކްލަބު ވިއްކާލަން ބޭނުންނުވާ ކަމަށްވެ އެވެ.
" ބޯޑުގައި ހިޔާލު ތަފާތުވެފައިވަނީ. ބައެއް ބޯޑު މެމްބަރުން ބޭނުންވަނީ ކްލަބު ރަނގަޅު ފެންވަރެއްގައި އޮންނަން،" ވެލެންސިއާގެ އޮފިޝަލެއް ބުންޏެވެ. "ކްލަބުގެ ދަރަނިތަކާ ހެދި ކްލަބު އާދައިގެ ގޮތަކަށް އޮންނަތާ އަހަރުތަކެއްވެއްޖެ. ކްލަބު ވަރުގަދަ ކުރަން ބޭނުންވާތީ ގިނަ މެމްބަރު ބޭނުންވަނީ ކްލަބު ވިއްކާލަން."
ވެލެންސިއާގެ ޗެއާމަން ރާއީ ވިދާޅުވީ "ތިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް" ލިބިފައިނުވާ ކަަމަށެވެ.
ކުރިން ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ވެލެންސިއާ އަޑިއަޅާނީ 2009 ވަނަ އަހަރު އަބްދުﷲ ޖާބިރު އެ ކްލަބުގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވި ހިސާބުންނެވެ. ޖާބިރު އެ ކްލަބުން އިސްތިއުފާ ދެއްވިއިރު، އެ ކްލަބުގައި ބޮޑު ދަރަންޏެއް އެބައޮތެވެ. އޭރު ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިއަކަށް މުސާރަ ނުދީގެން އޭނާ ފީފާ އަށް މައްސަލަ ހުށަހެޅުމުން، ވެލެންސިއާ އަށް އެ ދަރަނި ހަލާސްކޮށްލެވުނީ މިދިޔަ އަހަރެވެ.
ވެލެންސިއާ އިން ވަނީ ކުރިއަށް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ފަރިތަކުރުންތައް ފަށައިފަ އެވެ.