ރ. ވަންދޫގައި ގާއިމްކުރި ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒު ބަލަހައްޓާ ހިންގަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް އެކުންފުންޏާ ރަސްމީކޮށް ހަވާލު ކުރީ މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ވަންދޫ ކުނި މެނޭޖްކުރާ މަރުކަޒު ވެމްކޯ އާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެ ރަށުގައި ގާއިމްކުރި މަރުކަޒުން ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖްކުރާނެ ކަމަށެވެ. މި މަސައްކަތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތް ފެށުމަށް ރަށްރަށުގައި ގާއިމްކުރި އައިލެންޑް ވޭސްޓް މެނޭޖްމަންޓު ސެންޓަރުތަކުގެ މަސައްކަތް ނިމި ބޭނުންވާ ތަކެތިވެސް ވަނީ ފޯރުކޮށްދީފައެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ތަމްރީނުކޮށްފަ އެވެ.
"މި ޕްރޮޖެކްޓަކީ 250 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓްގެ ދަށުން ނ، ރ، ބ އަދި ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް އަދި އެ އަތޮޅުތަކުގެ 22 ރިސޯޓުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވަންދޫގައި ގާއިމްކުރި ސަރަހައްދީ މަރުކަޒުގައި ކުރިއަށް ގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އެހެން އަތޮޅުތަކުގައި ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ހއ. އަތޮޅާއި ހދ. އަތޮޅު ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅަށް އެމަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. އަދި ވިދާޅުވީ އައްޑު އަތޮޅާއި ފުވައްމުލަކުގެ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ގއ. އަތޮޅާއި ގދ. އަތޮޅުގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި މާލެ ކައިރީ އަތޮޅުތަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށަން ވެސް ދަނީ ތައްޔާރުވަމުންނެވެ.
ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި މެނޭޖްކުރަން ހަމަޖެހިފައިވަނީ ރަށްތަކުގައި ކުނި މެނޭޖްކުރަން ތައްޔާރުކޮށްފައިވާ ކުނި ކޮށިތަކުގައި ކޮންމެ ރަށަކުން ވެސް އުފެދިފައި ހުންނަ ކުނި މެނޭޖްކުރުމަށްފަހު ބާކީ ހުންނަ ކުނި ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނުން ވަންދޫއަށް ގެންގޮސް މެނޭޖްކޮށްގެންނެވެ.
ރަށްތަކުގައި ކުނި މެނޭޖްކުރަން ރަށުގެ ގޭގެއިން ކަނޑައެޅިފައިވާ ފީއެއް ނެގުމަށްފަހު ސަރަހައްދީ ކުނި މަރުކަޒަށް ގެންދިއުމަށް ގޭގެއިން ނަގާ ފީގެ ވަކި ޕަސެންޓެއް ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހެ އެވެ.