ޓެރަރިޒަމް

ޓެރަރިޒަމާބެހޭ ސިޔާސަތު ކޮމެޓީން ފާސްކޮށްފި

ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމާބެހޭ މައްސަލާގައި ދައުލަތުގެ ހާމަކުރި ސިޔާސަތަށް ބަހުސްކޮށް އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދާ ދިއުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މަޝްވަރާއަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެން ފޮނުއްވި ކަރުދާސް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ. މި ސިޔާސަތާ ގުޅޭ ކަރުދާސް ދިރާސާކޮށްފައިވަނީ އެކަމަށް އެކުލަވާލި 11 މެންބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ.

މިއަދު ހެނދުނު އެ ކޮމެޓީން ނިންމީ އެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެސް، ސިޔާސަތު އޮތް ގޮތަށް ފާސް ކުރަން ފެންނަ ކަމަށެވެ. މި މައްސަލަ ދިރާސާކުރި 11 މެންބަރުންގެ ކޮމެޓީއަކީ ހުރިހާ ޕާޓީތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލި މި ކޮމެޓީއެކެވެ.

މަޖިލީހަށް މި މައްސަލަ ރައީސް ފޮނުއްވެވީ ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމަކީ މި ވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާތީ ކަމަށެވެ. އަދި މިއީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށް ވާއިރު މިއީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބިރުވެރި އެހާމެ ނުރައްކާތެރި މައްސަލައަކަށްވާތީ ކަމަށެވެ.

މިކަމުގައި ރާއްޖެއިން މިހާރު ވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަ ނަމަވެސް، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ގާނޫނީ އޮނިގަނޑު އިސްލާޙުކޮށްގެން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މި ސިޔާސަތު ހާމަކުރާ ކަރުދާސް، ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.