މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އިދިކޮޅު އިއްތިހާދުން ކޮމަންވެލްތުގެ މަންދޫބާ ބައްދަލުކޮށްފި

Aug 2, 2016

ސަރުކާރުން އެދިގެން، ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު، ވިލީ މުތުންގާއާ މިއަދު އިދިކޮޅު އިއްތިހާދާ ބައްދަލުކޮށްފި އެވެ. މިއަދު ހަވީރު ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގެ ތަފްސީލް އިއްތިހާދުން ނުދެ އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ބައްދަލުވުމުގައި އިއްތިހާދުގެ ފަރާތުން ބައިވެރިވެފައިވަނީ މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބާއި އެމްޑީޕީގެ އިގްތިސޯދީ ކޮމެޓީގެ މުގައްރިރު އަހުމަދު ތަސްމީނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހާއި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ރައީސް މުހައްމަދު ނަޝީދު ގާނޫނީ ވަކީލު ހިސާން ހުސެއިން އަދި ހަސަން ލަތީފެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރާ ވެސް މުތުންގާ ބައްދަލުކުރައްވާފައިވާއިރު އޭނާގެ ދަތުރުފުޅާ ގުޅޭ، ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ދާދިފަހުން ކެންޔާގެ އުއްތަމަ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވި މުތުންގާ ރާއްޖޭގެ ހާއްސަ މަންދޫބަކަށް ކޮމަންވެލްތުން ހަމަޖެއްސީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މުތުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މަސައްކަތަކަށް ވާނީ، ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ. އަދި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުމަކީ ވެސް އަމާޒެއް ކަމަށް މުތުންގާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޖުޑިޝަރީ އާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވައި ތަހުޒީބު ޑިމޮކްރަސީއެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފެށުމަށް ކޮމަންވެލްތްގެ ހާއްސަ މަންދޫބެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އެވެ.