ދުނިޔެ

ސައުދީގައި ހާލު ޖެހުނު އިންޑިއާގެ މީހުން ފޮނުވައިދޭން ރަސްގެފާނުގެ އެހީ

ސައުދީ އަރަބިއްޔާގެ ހާލުގައި ޖެހިފައިތިބި އިންޑިއާގެ ރައްޔިތުންނަށް އެހީވެ އެނބުރި ގައުމަށް ފޮނުވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތުން އެހީތެރިވެ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސްވަރާޖު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ވާހަކަފުޅު ދައްކަމުން ޝުޝްމާ ވިދާޅުވީ މަސައްކަތްތެރިންގެ ގޮތުގައި ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިންގެ މައްސަލަ ދެ ދުވަސް ތެރޭ ހައްލު ކުރުމަށް ރަސްގެފާން ސަލްމާން އެގައުމުގެ ލޭބާ މިނިސްޓރީއަށް އަންގަވާފައިވާ ކަމަށާއި ސައުދީ ސަރުކާރުގެ އަމިއްލަ ހަރަދުގައި މަސައްކަތްތެރިން އަނބުރާ ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މަސައްކަތްތެރިންގެ ތެރެއިން ވިސާގެ މުއްދަތު އޮތް މީހުންނަށް އެމީހުންނަށް އެކަށީގެންވާ އެހެން ވަޒީފާއެއް ހޯދުމުގެ ފުރުސަތުވެސް ސައުދީ ސަރުކާރުން ފޯރުކޮށްދޭ ގޮތަށް ވަނި ހަމަޖެހިފަ" ޝުޝްމާ ވިދާޅުވިއެވެ.

އަދި މަސައްކަތްތެރިންގެ ތެރެއިން ވިސާއާއި އެހެނިހެން މައްސަލަ ކުރިމަތިވި މީހުން، އެމީހުންގެ މައްސަލަ ސައުދީގެ ލޭބާ މިނިސްޓްރީ އަށް ހުށަހެޅުމަށާއި، އަދި އެމީހުން އެނބުރި ގައުމަށް ދިޔަސް އެމައްސަލަ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަންވެސް ސައުދީގެ ސަރުކާރުން ދީފައިވާ ކަމަށް ޝުޝްމާ ވިދާޅުވިއެވެ. "މީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާއާއި ކާނާއާއި ސާފް ބޯފެން ލިބޭނެ އިންތިޒާމުވެސް އިންޑިއާގެ ރައްޔިތުން ތިބޭ ކޭމްޕްގައި ސައުދީން ވަނީ ހަމަޖައްސައިދީފަ"

ސައުދީގައި މަސައްކަތް ކުރާ އިންޑިއާގެ 77000 ވުރެ ގިނަ މަސައްކަތްެރިންނަށް ވަނި އެމީހުން މަސައްކަތް ކުރި ކުންފުނި ބަންދު ކުރުމުގެ ސަބަބުން މާލީ މައްސަލަތައް ކުރިމަތިވެފައެވެ. އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓާ ވީކޭ ސިންހް މިވަގުތު ހުންނެވީ ސައުދީ ސަރުކާރައެކު މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވެރިރަށް ރިޔާޒުގައެވެ.