ވިޔަފާރި

ބަދަލަށް އެންމެ އަވަހަށް ހޭނެނީ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރިތައް: ސައީދު

Aug 4, 2016

ވިޔަފާރީގެ ދާއިރާގައި ދުނިޔެ އަށް އަންނަ ބަދަލުތަކަށް އެންމެ އަވަހަށް ހޭނެނީ، ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ހުޅުވުމަށް ނޭޝަނަލް އާޓްގެލަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ދުނިޔެއަށް ކިޔައިދެނީ ބަދަލުތަކަށް އެންމެ އަވަހަށް ހޭނެނީ ދިވެހި ވިޔަފާރިތައް ކަމަށެވެ.

"އެންމެ އަވަހަށް އެޑަޕްޓްވަނީ ޓްރެވަލް ސެކްޓާ. މިހެން އަޅުގަނޑު މިބުނަނީ އެއްގޮތަކަށްވެސް ހައްގުނޫން ބަހެއް ނޫން. އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ޔުނީކް ސެލިން ޕޮއިންޓްތަކުގައި ހިމެނޭ ސަން، ސޭންޑް އެންޑް ސީ ވިއްކަން ފެށީ. ވަރަށް އާދައިގެ ގޮތަކަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ފަހުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ފޭބީ މޫދަށް ކަމަށާއި، އެ މަސައްކަތުން ރާއްޖެއަކީ ޑައިވިން އަދި މޫދު ކުޅިވަރުގެ މަންޒިލަކަށް ރާއްޖެ ވެގެން ދިޔައީ ކަމަށެވެ.

"މީގެ ވަކި ހިސާބަކުން ރާއްޖެ ދަތުރުކުރީ ވެލްނެސްއާ ދިމާލަށް. ވެލްނެސްގެ ވެސް ދުނިޔޭގެ އެންމެ ޕީކަށް ދަތުރުކުރީ. އިންޓަނޭޝަނަލް ބްރޭންޑްސްއާ މެރީ ކުރުމަކީ އެންމެ ސާބިތުވެ ތިބެވޭނެ ގޮތްކަން ދެނެގަތް. މިހާރު ލަގްޒަރީ ބްރޭންޑެއް ނަމަ ރާއްޖޭގައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.

"އޭގެ ފަހުން ލޯކަލް ޓޫރިޒަމް ބޭނުންވެއްޖެކަމަށް ގަބޫލު ކުރެވިއްޖެ ހިނދު ގެސްޓް ހައުސްތަކާއި ސިޓީ ހޮޓެލްތަކުން މިދަނީ މިސާލު ދައްކަމުން."

މިނިސްޓަރު ސައީދު ވިދާޅުވީ މި ހުރިހާ ކަމަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.

"މި ކާމިޔާބު އެހެން ލެވަލްއަކަށް ގެންދިއުމަށް ސަރުކާރުން މިދަނީ މަސައްކަތްކެއް ކުރަމުން. މީގެ މިސާލަކީ އިބްރާހިން ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް،" ސައީދު ވިދާޅުވި އެވެ.