ހަބަރު

ހުޅުމާލޭގައި "މަސްޖިދު ސާބިތު" ހުޅުވައިފި

ހުޅުމާލޭގައި ބިނާކުރި މިސްކިތެއް ކަމަށްވާ "މަސްޖިދު ޒައިދު ބިން ސާބިތު" ހުޅުވައިފި އެވެ. އެ މިސްކިތް ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދެވެ.

މިއަދު ހުޅުވމިސްކިތަކީ 650 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ދިހަ މިލިޔަން ރުފިޔާ ހޭދަކުރި މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 135 ދުވަހުންނެވެ.

"މާލެއިން ހުޅުމާލެއަށް އެތައް ބަޔަކު ބަދަލުވަމުން ދާއިރު މި ފަދަ މިސްކިތްތައް ގިނައިން ހުރުމުން އެތައް ބަޔަކަށް ފަސޭހަތަކެއް ވެގެންދާނެ. އަދި ކުރިޔަށް އޮތްތާ ހުޅުމާލޭ ފުރަތަމަ ފޭސްގައި އިތުރު މިސްކިތްތަކެއް ވެސް އަޅަން އެޗްޑީސީއާއެކު މަޝްވަރާ އެބަ ކުރަން،" ހުޅުމާލޭގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ އެ މިސްކިތް އެޅި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިހާތަނަށް މިސްކިތެއް ނެތުމުން ދަތި އުނދަގޫ ވާކަމަށާއި އަދި މިއަދު ފެށިގެން އެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

އެޗްޑީސީއިން މީގެ ކުރިން ވަނީ މަސްޖިދު ޒައިދު ބިން ސާބިތު މިސްކިތް ކުރިމަތީގައި ހިނަވާ ގެއެއް ވެސް ހުޅުވާފަ އެވެ. އެތަނުގައި އެއްފަހަރާ ހަތަރު މީހުން ހިނެވެ އެވެ.