އަލީ ފާސިރު (ސެންޓޭ) އައި ހަސަން ނާއިޒްގެ ލަނޑުތަކުން 3-0އިން މޮޅުވެ، ޓީސީން އުރދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއުރޭޑިއަންޓަށް ލޮޅުން އަރުވާލައިފި އެވެ.
ޓީމާ އަލަށް ކުޅުނު ކޮސޯވޯގެ ފޯވަޑް އަދިސް ސަހީލީ އާއި ޖަޕާން ކީޕަރު ޖުން ކޮޗީއާއެކު ވަރަށް އުއްމީދާއެކު މެޗަށް ނުކުތް ނިއުއަށްވުރެ ހުރިހާގޮތަކުން ވެސް ރަނގަޅަށް ކުޅުނީ ޓީސީ އެވެ.
އެ ޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ސެންޓޭ އެވެ. މި ޕެނަލްޓީ ހޯދައިިދިނީ ވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވަޑެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާ ގޯލަށް ޖެހި ބާރުބޯޅަ މަތަވީ ނިއުގެ ކުޅުންތެރިއެއްގެ އަތުގައިޖެހިފަ އެވެ.
ސެންޓޭ އޭނާގެ ދެ ވަނަ ލަނޑު ޖެހުމުގެ ކުރިން ޓީސީ އަށް ލީޑު ފުޅާކޮށްދިނީ ދާދު އެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހަން އެ ޓީމަށް ރަނގަޅު ފުރުސަތުތައް ލިބިގެންދިޔަ އެވެ.
ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފް ވަނީ މެޗުގެ ފަހު 20 މިނިޓަށް ދިއުމުން ކޮސޯވޯގެ ފޯވަޑް ބާލައިފަ އެވެ. ރަނގަޅު ކުޅުމެއް ނުދެއްކުނު ފޯވަޑުގެ ބަދަލުގައި ފަހުން ފޯވަޑަށް ކުޅުނީ ނައިޖީރިއާގެ ޑިފެންޑަރު ސެގުން މައިކަލް އެވެ.
މި މެޗުން މޮޅުވުމުން ޓީސީ ވަނީ 17 ޕޮއިންޓާއެކު ތިން ވަނަ އަށް ޖެހިލާފަ އެވެ. ނިއު އޮތީ 13 ޕޮއިންޓާއެކު ފަސްވަނާގަ އެވެ. ލީގުގެ އެެއްވަނާގައިވަނީ 21 ޕޮއިންޓާއެކު މާޒިޔާ އެވެ. ވިހި ޕޮއިންޓާއެކު ދެ ވަނަ ލިބެނީ އީގަލްސް އަށެވެ.
ލީގުގައި ކުޅުން ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ. އެދުވަހު ކުޅޭނީ އީގަލްސް އާއި ހަތްވަނާގައިވާ ވިކްޓަރީ އެވެ.