ހަބަރު

މެންބަރު މުހައްމަދު ހުސައިން އާއި މުއާޒު ޕީޕީއެމަށް ސޮއި ކުރައްވައިފި

Feb 19, 2015
1

ރައްޔިތުންގެ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރު ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިން (އެމްއެޗް) އާއި މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ސޮއިކުރެއްވީ ޕީޕީއެމާއި އެމްޑީއޭއިން މިރޭ ކުރިޔަށް ގެންދާ ޖަލްސާގަ އެވެ. ނަމަވެސް ރާއްޖޭގައި މުހައްމަދު ހުސައިން އާއި މުއާޒު ޖަލްސާގައި ވަޑައިގެން ނެތެވެ. މީގެ އިތުރުން މުހައްމަދު ހުސައިން ރާއްޖެ ވަޑައިގެން ނެތް ކަމަށް ޖަލްސާގައި ވަނީ އިއުލާން ކޮށްފައެވެ.

އެ ދެ ބޭފުޅުން ސޮއި ކުރެއްވިކަން އިއުލާން ކުރުމުގެ ގޮތުން ދެއްކެވީ ދެ ބޭފުޅުން ސޮއިކުރެއްވި މަންޒަރު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ.

މުއާޒަކީ މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގަތުމަށްފަހު ދާދިފަހުން ޖޭޕީއާ ގުޅި ވަޑައިގެންނެވި ބޭފުޅެކެވެ.

މުހައްމަދު ހުސައިން އާއި މުއާޒު ޖޭޕީދޫކޮށް ޕީޕީއެމާ ގުޅި ވަޑައިގަތީ ޖޭޕީގޭ ލީޑަރު އެމްޑީޕީއާ ގުޅުން ބަދަހި ކުރައްވާ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވުމުންނެވެ. މީގެ ތެރެއިން މުއާޒު ޖޭޕީއަށް ސޮއި ކުރެއްވީ މިދިއަ ޑިސެމްބަރު މަހު އެވެ.

އެ ދެބޭފުޅުން ވަރަށް އަވަހަށް ޕީޕީއެމްގެ މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް މިރޭގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފަ އެވެ.

މި ދެ ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 45 އެރީ އެވެ. އަދި ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 10 އަކަށް ވެއްޓުނީ އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވީ މުއާޒާއި މުހައްމަދު ހުސައިން ފަދައިން އެހެން މަޖިލިސް މެންބަރުން ވެސް ކުރިޔަށް އޮތް ތާނގައި ޕީޕީއެމަށް ވަދެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު މުހައްމަދު ހުސައިންގެ ގާބިިލް ކަމަށާއި ތަޖުރިބާގެ މައްޗަށް ވެސް އަލި އަޅުވާލައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ބައެއް ކައުންސިލްތަކުގައި ޖޭޕީއަށް ނިސްބަތްވާ ވަރަށް ގިނަ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންނަށް ވެސް ޕީޕީއެމާ ގުޅުނެވެ.