އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ދެވަނަ ފަންތީގެ ކްލަބުތަކަށް ބާއްވާ އޭއެފްސީ ކަޕް 2004 ވަނަ އަަހަރު ތައާރަފްކުރި ފަހުން، ރާއްޖޭގެ ކްލަބުތައް ދަނީ ގަވައިދުން އެ މުބާރާތުގައި ވާދަކުރަމުންނެވެ. ރާއްޖޭގެ ކްލަބުތައް މި މުބާރާުތުގައި ސަރަހައްދީ ވަރުގަދަ ކްލަބުތަކުގެ މައްޗަށް ކުރި ހޯދި ނަމަވެސް، ޖުމްލަ ނަތީޖާ އަށް ބަލާއިރު ރާއްޖޭގެ ކްލަބުތަކުގެ ރެކޯޑް ރަނގަޅެއް ނޫނެވެ. އޭއެފްސީ ކަޕްގެ ދިހަ ވަނަ މުބާރާތަށް ރާއްޖޭގެ ކްލަބުތައް ކުރިމަތިލާއިރު، މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅައި ރާއްޖޭގެ ކްލަބެއް ދަތުރުކޮށްފައިވަނީ ދެ ފަހަރެވެ. ދެ ފަހަރު ވެސް އެ ކާމިޔާބު ހޯދީ ނިއު ރޭޑިއަންޓެވެ. ނިއު އިން 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދިއިރު، 2013 ވަނަ އަހަރު ނިއު އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ.
ރާއްޖޭގެ ބޮޑެތި ކްލަބުތައް އޭއެފްސީ ކަޕްގައި ވާދަކޮށްފައިވާއިރު، މާޒީ އަށް ބަލާއިރު ގިނަ ކްލަބުތަކުން މުބާރާތުގައި ވާދަކޮށްފައިވަނީ ނަމަކަށެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބުތަކާ ވާދަކުރާ ގިނަ ކްލަބުތަކަކީ ރާއްޖޭގެ ކްލަބުތަކަށް ވުރެ މާލީ ގޮތުން ވަރުގަދަ ކްލަބުތަކެވެ. އެހެންކަމުން ގިނަ ފަހަރު ތަފާތު ދައްކަނީ އެ ކްލަބުތަކުން ބޮޑު އަގުގައި ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނެވެ. އެކަމަކު ރާއްޖޭގެ ކްލަބުތައް ގިނަ ފަހަރު އެ ކްލަބުތަކުގެ ފެންވަރުގައި ވެސް މި މުބާރާތަށް ތައްޔާރުވާކަމާމެދު ސުވާލު އުފެދެ އެވެ.
"މި އަންނަ ކްލަބުތަކަކީ ދުރާލާ ތައްޔާރުވެގެން މި މުބާރާތަށް ނުކުންނަ ޓީމުތައް. އެކަމަކު ރާއްޖޭގެ ކްލަބުތައް ތައްޔާރުވާއިރު ވާދަވެރި މެޗެއް ނުކުޅޭ. ޕްރެކްޓިސް މެޗެއް ވެސް މި ކުޅެނީ ފެންވަރު ދަށް ޓީމުތަކާ،" ރާއްޖޭގެ ވީބީ އައްޑޫ އެފްސީ އަށް ތިން އަހަރު އޭއެފްސީ ކަޕްގައި އިރުޝާދު ދިން ތުރުކީގެ ކޯޗު ޖޭން ވަންލީ ބުންޏެވެ. "ގެންނަ ބިދޭސީ ކުޅުންތެރިއެއް މި ގެންނަނީ ވަގުތު ކައިރިވެފައި ވަނިކޮށް. އެހެންވީމަ އެ ކުޅުންތެރިއެއްގެ ފެންވަރު ދަށްވިޔަސް، އެހެން ކުޅުންތެރިއެއް ހޯދަން ވެސް ވަގުތު ނުލިބޭ."
މީގެ ކުރިން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ކެޓިޔަސް، ދިވެހި ފުޓްބޯޅަ އަށް އަސަރެއް ނުކުރި ނަމަވެސް، އޭއެފްސީގެ ކްލަބު ފުޓްބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުން ވަނީ މުހިންމުވެފަ އެވެ. މީގެ ކުރިން 2012 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރަކު ރާއްޖޭގެ ލީގު ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބުނު ނަމަވެސް، މި އަހަރު ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބުނީ ލީގު ޗެމްޕިއަން ނިއު އަށް އެކަންޏެވެ. އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް ޖެހުނީ ޕްލޭއޮފްގައި ވާދަކުރާށެވެ. މާޒިޔާ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ ޕްލޭއޮފްގައި ފިލިޕީންސްގެ ޗެރަސް އަތުން މޮޅުވެެގެންނެވެ.
އޭއެފްސީގެ ކްލަބު މުބާރާތްތަކުން ގައުމުތަކަށް ޖާގަ ލިބޭ އެސެސްމަންޓް ކްރައިޓީރިޔާ އަށް އޭއެފްސީން ވަނީ މި އަހަރުގެ ކުރީކޮޅު ބަދަލު ގެނެސްފަ އެވެ.
އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީން ނިންމާފައިވަނީ މެމްބަރު އެސޯސިއޭޝަން ރޭންކްކުރުމުގައި އެ ގައުމެއްގެ ގައުމީ ޓީމުގެ ނަތީޖާތަކާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގެ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބެލުމަށެވެ. ޕޮއިންޓް ދިނުމުގައި 30 ޕަސެންޓް ލިބޭނީ ގައުމީ ޓީމުތަކުގެ ނަތީޖާތަކަށެވެ. އަދި 70 ޕަސެންޓް ދޭނީ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރޭ ނަތީޖާތަކަށެވެ.
މި އެސެސްމަންޓް ކުރިއަށް ގެންދިޔައީ މި އަހަރު އެވެ. މި އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2017 އިން 2020 ވަނަ އަހަރާ ހަމައަށެވެ.އެހެންކަމުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ވެސް ސީދާ ޖާގައެއް ލިބޭނީ ރާއްޖޭގެ ލީގު ޗެމްޕިއަނުންނަށެވެ. އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށް ޖެހޭނީ ޕްލޭއޮފްގައި ވާދަކުރާށެވެ.
އެހެންކަމުން ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ކްލަަބުތައް ވާދަކޮށްލައިގެން ރާއްޖޭގެ ކްލަބުތަކަށް ކުރާނެ ފައިދާއެއް ނެެތެވެ. ގުރޫޕް ސްޓޭޖުން ސީދާ ދެ ޖާގަ ރާއްޖޭގެ ކްލަބުތަކަށް އޮތީ ނަތީޖާތައް ރަނގަޅުކޮށްގެނެވެ. ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެއާ ވާދަވެރި ބައެއް ގައުމުތައް މި ވަގުތު ރާއްޖެ އަށްވުރެ ފަހަތުގައި އޮތަސް، ފެންވަރު ހިފަހައްޓައިގެން ނޫނީ ރާއްޖެ އަށް މިހާރު އޮތް ފުރުސަތުތައް ދެމެހެއްޓޭކަށް ނެތެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި މި އަހަރު ވެސް ރާއްޖެ ތަމްސީލުކުރާނީ ފާއިތުވި ދެ އަހަރު ވެސް މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ނިއު އާއި މާޒިޔާ އެެވެ.
ގުރޫޕް އީގައި މާޒިޔާއާއެކު އޮތީ އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އާއި ސިންގަޕޫރުގެ ވޯރިއާސް އެވެ. ގުރޫޕް އެޗްގައި ނިއުއާއެކު އޮތީ ލާއޮސްގެ ލާއޯ ޓޮޔޯޓާ އެފްސީ އާއި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑް އަދި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގެެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރާއްޖޭގެ ދެ ކްލަބު ވެސް އޭއެފްސީ ކަޕަށް ނުކުންނަނީ ވާދަވެރި މެޗުތަކަށް ފަހު އެވެ. މެލޭޝިއާގެ ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ ލަޔަންސްއާއެކު މި އަހަރު ބޭއްވި ޕީޕަލްސް ކަޕްގައި ނިއު އާއި މާޒިޔާ ވާދަކުރުމަކީ އޭއެފްސީ ކަޕުގެ ކުރިން އެ ދެ ކްލަބަށް ލިބުނު ރަނގަޅު ތަޖުރިބާއެކެވެ. އެ މުބާރާތުގެ ސަބަބުން އެ ދެ ޓީމަށް ވެސް އޭއެފްސީ ކަޕްގެ ތައްޔާރީތަކުގައި ކުރިއެރުމެއް ލިބިފައިވާ ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ދެކެ އެވެ.
ނިއު އާއި މާޒިޔާ ވެސް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަކީ ފަސޭހަކަމަށް ނުވާނެ އެވެ. އެކަމަކު އެ ދެ ޓީމު ވާދަކުރަންޖެހޭ ޓީމުތަކާ ރަނގަޅު ވާދައެއްކޮށް، މަސައްކަތްކޮށްފި ނަމަ ދެވަނަ ބުރުގެ ޖާގައެއް ރާއްޖޭގެ ކްލަބުތަކަށް އަތު ޖެހިދާނެ އެވެ. އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗަކީ މި ދެ ކްލަަބަށް ވެސް މުހިންމު މެޗުތަކެވެ. އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ، ރާއްޖޭގެ ކްލަބުތަކަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވާނެ އެވެ.