ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ބްރަޒިލްގެ ރިއޯޑިޖެނީރިއޯގައި ކުލަ ގަދަ ހަރަކާތަކާއެކު ރޭ ރަސްމީކޮށް ވަނީ ފަށާފަ އެވެ. ބްރެޒިލްގެ ތާރީހައި ސަގާފަތް ވެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ދައްކާލާފަ އެވެ. ގޭމްސްގައި ވާދަ ކުރި 200 އަށް ވުރެ ގިނަ ގައުމުން އެކި ކުލަ ތައް ފެނިގެން ދިޔައިރު އެންމެ ގިނަ ބަޔަކު ފާހަގަ ކޮށްފައިވަނީ ގައުމުތަކުން ތަމްސީލު ކުރި ހެދުމެވެ.
ގައުމުތަކުގެ ކުޑަ ބޮޑު މިނަކުން ތަފާތެއް ނުކޮށް ދިން ފުރުސަތުގައި، އެތުލީޓުންގެ ހުށަހެޅުމަށާއި ހެދުމަށް ލިބުނު ތައުރީފާއި ފާޑު ކިޔުންތައް ވަނީ ކުރިމަތިވެފަ އެވެ.
ގޭމްސްގައި ތަމްސީލު ކުރި ހެދުމުގެ ތެރެއިން، ރާއްޖޭގެ އެތުލީޓުން ތަމްސީލު ކުރި ހެދުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.
ރާއްޖޭގެ ދިދަ ހިފައިގެން ފެތުންތެރިޔާ އާމިނަތު ސަޖަން އާއި ދިވެހި ޓީމް ނިކުތީ ދިވެހި ގައުމީ ހެދުމުގަ އެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއި ފެތުންތެރިޔާ މުހައްމަދު ނީވްވާން ނިކުތީ ދިވެހި ފޭލި މުންޑާއި އަތް ދިގު ރަތް ގަމީހުގަ އެވެ.
ސަޖަންއާއި ދުވުންތެރިޔާގެ އަފާ އިސްމާއިލްގެ އަންހެން ޓީމް ތަމްސީލުކޮށް ދިނީ ކަސަބު ބޯވަޅު އެޅި ރަތް ލިބާހާއި ފޭލި މުންޑާއި ކަރުގައި ފައްޓަރު ބަޔާއެކުއެވެ.
ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެންމެ ރީތި ދިހަ ހެދުމުގައި ރާއްޖެ ހިމެނެނީ ފަސް ވަނައިގައެވެ. މިލިސްޓްގެ އެެއް ވަނައިގައި ހިމެނެނީ އޮސްޓްރޭލިއާއެވެ.
އެތުލީޓުން ތަމްސީލުކޮށްދިން ހެދުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއްގައުމަކީ ގާނާއެވެ. އެންމެ ހަޑި ހެދުމުގެ ތެރޭގައި ސްވިޑެންއާއި ޖަޕާނާއި ހޮންޑިއުރާސްގެ ހެދުން ވަނީ ހިމެނިފައެވެ.