ވިޔަފާރި

ލޭމްގެ މެންބަރުނަށް ބޭރުގެ ޑައިވް ދެ ފެއާއެއްގައި ބައިވެރިވާން ހާއްސަ އަގެއް!

Aug 7, 2016

ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ މެންބަރުންނަށް އޮސްޓްރޭލިޔާ އާއި މެލޭޝިޔާގައި ބާއްވާ ދެ ޑައިވް ފެއާއެއްގައި ބައިވެރިވާން ހާއްސަ އަގެއް ދީފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ "ލޭމް" އިން ބުނި ގޮތުގައި އޮސްޓްރޭލިޔާ އިންޓަނޭޝަލް ޑައިވް އެކްސްޕޯ (އިޑާ) އާއި މެލޭޝިޔާ އިންޓަނޭޝަނަލް ޑައިވް ޝޯވް (މިޑް) ގައި ލޭމްގެ މެންބަރުން ބައިވެރިވާން ހާއްސަ އަގެއް ދީފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ މި ފެއާތައް އިންތިޒާމުކުރާ އޭޝިޔާ އިވެންޓްސްގެ ޑިރެކްޓަރު ކެނެޑީ އާއި ލޭމްގެ ރައީސް ހަސަން ހަލީމް ބައްދަލު ކުރެއްވުމަށްފަހު އެވެ.

ލޭމް އިން ބުނި ގޮތުގައި މި ނިންމުމާއި ގުޅިން އާއްމުކޮށް 2،000 ޑޮލަރަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މި ދެ ފެއާގައި ލޭމްގެ މެންބަރުންނަށް ގާތްގަނޑަކަށް 800 ޑޮލަރަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ފެއާގައި ލޭމްގެ މެންބަރުންނަށް އެންމެ ޕްރައިމް ލޮކޭޝަނުން ޖާގަ ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ލޭމްއިން ބުނި ގޮތުގައި އޮސްޓްރޭލިޔާގެ ސިޑްނީގައި އޮންނަ އޮސްޓްރޭލިޔާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 10-11 މިދެ ދުވަހު ކަމަށެވެ. އަދި މެލޭޝިއަން އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 7-9 އަށް ކަމަށެވެ.