ގާނޫނުއަސާސީގެ ދިފާއުކުރާ ވާހަކަ ދައްކަމުން މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓާލާ ވާހަކަ ދެއްކުމަކީ ގާނޫނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި އެމްޑީޕީ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ވެސް ރައީސް ވިދާޅުވީ "ސަރުކާރު ވައްޓާލުމަކީ ގާނޫނު އަސާސީގައި އޮންނަ ކަމެއް ނޫން" ކަމަށެވެ. އަދި އެ ލަފުޒަކީ ވެސް ގާނޫނު އަސާސީއާ ބީރައްޓެހި ލަފުޒެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރާ ގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނަނީ ޖާނުން ފިދާވެގެން ނޫން ކަމަށާއި ގާނޫނުއަސާސީގައި އެކަން ކުރަން އޮންނަނީ މިނިވަން އިންތިހާބަކުން ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގައި އެކަން އޮންނަ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"މަގުމަތިން ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ނުވަތަ ޖާނުން ފިދާވާން މަސައްކަތްކުރާ މީހުން ކިހިނެއްތޯ ގާނޫނުއަސާސީ ހިމާޔަތްކުރާނީ؟"
އެމަނިކުފާނު މިރޭ މިހެން ވިދާޅުވި އިރު އެމްޑީޕީ އާއި ޖޭޕީ އިސް ނަގައިގެން ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ ދަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި ޖޭޕީ އެމްޑީޕީގެ އެ މުޒާހަރާތަކުގައި "ޖާނުން ފިދާވެގެން ވެރިކަން ވައްޓާލާނަން" ކަމަށް މީހަކު ގޮވާފައިވާތީ އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ.
މައުމޫން ވިދާޅުވީ ގާނޫނުއަސާސީގެ ހިމާޔަތުގައި ނުކުންނަން ގާނޫނުއަސާސީ ތަބާވާ އެ ގާނޫނު އަސާސީއަށް އަމަލު ކުރާ މީހުން ކަމަށާއި މިހާރު ގާނޫނު އަސާސީ ހިމާޔާތް ކުރުމުގެ ނަމުގައި މަގުމައްޗަށް ނުކުމެ އުޅެނީ އެފަދަ ބައެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
ގާނޫނުއަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭނީ ގައުމުގެ އަމާންކަން ނުގެއްލި ވިޔަފާރިވެރިންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅޫވީ އެގޮތަށް މަސައްކަތް ކުރުމުން އެއީ ދެކޮޅު ނުޖެހޭ މަސައްކަތެކޭ އެކަކަށް ވެސް ނުބުނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ ހިމާޔަތްކުރުމަކީ ޕީޕީއެމްގެ ވެސް މަގްސަދު ކަމަށާއި ގާނޫނުއަސާސީއަކީ ހައްގުތައް ކަށަވަރުކޮށްދީ ހަމަހަމަކަން ގާއިމްކޮށްދޭ ލިއުމަށްވުމުން ގާނޫނު އަސާސީ ހިމާޔަތް ކުރުން އެންމެނަށް ލާޒިމް ކަމަށެވެ.