ތައިލެންޑްގައި ވެރިކަން ކުރަމުންދާ އަސްކަރިއްޔާ އިން އެކުލަވާލީ އާ ގާނޫނު އަސާސީއަށް ރައްޔިތުންގެ ރުހުން އޮތް ތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓް ނަގަން ފަށައިފިއެވެ.
އާ ގާނޫނު އަސާސީގެ ދަށުން ތައިލެންޑްގައި އެންމެ އަވަހަށް ވެސް އިންތިހަބެއް އޮންނާނީ އަންނަ އަހަރު އެވެ.
ދެހާސް ސާދަ ވަނަ އަހަރު އަސްކަރިއްޔާއިން އޭރު އޮތް ސަރުކާރު ވެރިކަމުން ދުރު ކުރުމަށް ފަހު މިއީ ރައްޔިތުންނާ ކުރިމަތި ކުރުވާ ފުރަތަމަ އިމްތިހާންއެވެ.
ހިޔާލު ހޯދުމުގެ ސާވޭ ތަކުން ދައްކާ ގޮތުގައި ގާނޫނު އަސާސީއަށް ރުހުން އޮތް ކަމަށް ފާސް ވާނީ ކުޑަ ތަފާތަކުންނެވެ. ނަމަވެސް ހިޔާލު ހޯދުމުގެ ސާވޭ ތަކުގައި ބައިވެރިވި ގަިނަ މީހުން ތިބީ ވަކި ގޮތެއް ނުނިންމަ އެވެ. ވޯޓް ލުމުގެ ހައްގު 50 މިލިއަން މީހުންނަށް ވަނީ ލިބިފައެވެ. އިލެކްޝަން ކޮމިޝަނުން އަންދާޒާ ކުރާ ގޮތުގައި ވޯޓްގެ ވަގުތީ ނަތީޖާގެ 80 ޕަސަންޓް މިއަދު ހަވީރު ހަމަޔަށް އާންމު ކުރެވޭނެ އެވެ.
ތައިލެންޑްގެ އަސްކަރިއްޔާގެ ފަރާތުން ބޮޑުވަޒިރު ކަމުގެ މަގާމު ފުރަމުންދާ ޕްރައިތު ޗާން އޮކާ ވިދާޅުވީ ގާނޫނު އަސާސީ ބަލައިގަންނަން ނުފެންނަ ކަމަށް ނިންމިޔަސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
"އަހަރުމެން ބޭނުން 2017 ގެ އާންމު އިންތިހާބު ކުރިއަށް ގެންދަން. އެއީ އަހަރެމެންގެ ވައުދެއް. ރައްޔިތުންގެ 100 ޕަސަންޓް ލިބެން ޖެހޭނެ ކަމަށް ބުނާ އެއްވެސް މާއްދާއެއް ނެތް،" ވޯޓްގެ ކުރިން ވަހަކަ ދައްކަވަމުން އޮކަ ވިދަޅުވި އެވެ.
ފާޑު ކިޔާ ފަރާތްތަކުންނާއި މަދަނީ ޖަމްއިއްޔާ ތަކުން ބުނީ ގާނޫނު އަސާސީއަކީ ވެރިކަން ކުރަމުންދާ އަސްކަރިއްޔާއިން ކުރީގެ ބޮޑުވަޒިރު ތަކްސިން ސިނަވަޓްރާ ގައުމުން ބޭރަށް ފޮނުވާލުމަށް ކުރި މަސައްކަތް އިތުރަށް ފެއިލްވެގެން ދިޔަ ކަމެއް ކަމަށެވެ.
މިދިޔަ ބްރާސްފަތި ދުވަހު ތަކްސިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަކީ "މޮޔަ ހެއްދުމެއް އޭގައި އޮތީ އަސްކަރިއްޔާގެ ބާރު، އޭގެ ދަށުން ތައިލެންޑްގެ ވެރިކަން ކުރުމަކީ ނާދިރު ކަމެއް" ކަމަށެވެ.
މިއަދު ނަގާ ވޯޓްގައި ތައިލެންޑްގެ ބޮޑުވަޒީރު އަންޔަން ކުރަން ނަގާ ވޯޓް ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދަން ފެނޭތޯ ވެސް ނިންމާބެ އެވެ.