ދުނިޔެ

ހަލަބު ހިސޯރުކުރި ސީރިޔާ ސިފައިން ފަހާލައި ސިޓީ ހުޅުވައިފި

Aug 7, 2016

ސީރިޔާ އުތުރުގައި އޮންނަ ހަލަބް ސިޓީގައި ގާއިމުވެފައި އޮތް ސީރިޔާގެ ރައީސް ބައްޝަރުލް އަސަދުގެ އަސްކަރިއްޔާގެ ބާރު ފޫއަޅުވާލެވިއްޖެ ކަމަށް ސީރިޔަގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ތުރުކީގައި މައި މަރުކަޒު ހުންނަ ސީރިޔާގެ ނެޝަނަލް ކައުންސިލުން ކުރި ޓްވީޓެއް ގައި ބުނެފައިވަނީ "ހަލަބުގައި އޮތް ސަރުކާރުގެ އަސްކަރީ ބާރު ފޫއަޅުވާ ލެވިއްޖެ" ކަމަށެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބައްޝާރުގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރަމާ ކުރަމުންދާ ޖަމާއަތެއް ކަމަށްވާ 'އަހްރާރު އަލް ޝާމް' ގުރޫޕުން ޓްވިޓާގައި ބުނެފައިވަނީ އެ ގުރޫޕުން ހަލަބުގެ ހުޅަނގު ދެކުނު ސަރަހައްދު ރަމޯސާ ޕްރޮވިންސްގެ ކޮންޓްރޯލް ހޯދައިފައިވާ ކަމަށާއި އަދި އެތަނުން ހަލަބުގެ މުޅި ރޫޓް ހުޅުވާލެވިފައި"ވާ ކަމަށެވެ.

ބައްޝާރުގެ އަސްކަރިއްޔާއިން ހަލަބުގެ ސަރަހައްދު ހިފީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ. އަދި އިދިކޮޅު އަސްކަރީ ކޯލިޝަނަށް އެ ސިޓީއަށް ނުވަދެވޭ ގޮތަށް ބައްޝާރުގެ އަސްކަރިއްޔާއިން ވަނީ އެ ސިޓީ ވަށައިލައިފަ އެވެ.

ބައްޝާރަށް މަދަދުވެރި ލުބުނާންގެ 'ހިޒުބުﷲ' ޖަމާއަތުގެ އަލް މަނާރު ޓީވީ ސްޓޭޝަނުން ބުނީ ހަލަބުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދެގޮއް ކަމަށެވެ.

ނަމަވެސް ހަލަބުގައި ހިނގަމުންދާ ހަނގުރާމަ ކަވަރު ކުރުމަށް ހަރަކާތްރިވާ ނޫސްވެރިޔަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ "ސީރިޔާގެ ސަރުކާރުގެ އަސްކަރީ ބާރު މުޅިންހެން ރޫލާލާފައިވާ ކަމަށެވެ. އަދި ސަރުކަރުގެ އަސްކަރިއްޔާއިން ބޭނުން ކުރި އަސްކަރީ ބޭސްތައް މިހާރު ބޭނުން ކުރަނީ އިދިކޮޅު ފަރާތްތަކުން ކަމަށްވެސް ނޫސްވެރިޔާއާ ހަވާލަދީ އަލްޖަޒީރާއިން ބުންޏެވެ.

އަލްޖަޒީރާއިން އިތުރަށް ބުނީ ހަލަބުގެ ރަމޯސާއައި އަލްއަމިރިއްޔާއާއި އެ ދެ ޕްރޮވިންސްގެ ބާރުވެސް އޮތީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ. އަލްއަމީރިއްޔާގެ ކޮންޓްރޯލް އަޮތީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖައިލް އަލް ފަތަހު ޖަމާއަތުގެ ދަށުގަ އެވެ.