ހަބަރު

ޖޭޕީގެ އެމްޕީން އެޕާޓީގައި ތިބުމުގެ ގާނޫނީ ހުއްޖަތެއް މިހާރު ނެތް: ރައީސް

ކޯލިޝަން އެގްރިމަންޓާ ހިލާފުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަމަށާއި އެހެން ކަމުން އެ ޕާޓީގެ މަޖިލީހުގެ މެންބަރުން ޖޭޕީއާއެކު ދެމި ތިބުމުގެ ގާނޫނީ ހުއްޖަތެއް މިހާރު ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީ ކޯލިޝަން އެގްރިމެންޓެއްގައި ސޮއި ކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެކީގައި މަސައްކަތް ކުރަން ކަމަށެވެ. ނަމަވެސް އެކި ހުއްޖަތްތައް ދައްކައިގެން އެ އެގްރިމަންޓް އުވާލީ ޖޭޕީން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އަދި އެ އެގްރިމަންޓްގެ ދަށުން މަޖިލީހުގެ ގޮނޑިތަކެއް ވެސް އެ ޕާޓީއަށް ދޫކޮށްލި ކަމަށާއި ޖޭޕީގެ ފަރާތުން މަޖިލީހަށް ހޮވުނު މެންބަރުންތަކެއް ހޮވިފައި ވަނީ ޕީޕީއެމްގެ މެންބަރުންގެ ތާއީދާ ވެސް އެކުގައި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓް ދިނީ ފަސް އަހަރު ދުވަހު ސަރުކާރާ އެކު އެ މެންބަރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ނަމަވެސް އެ އަސާސް މިއަދު ޖޭޕީން މި ވަނީ މުގުރާލާފައި. އެހެން ވީމާ އަޅުގަނޑު ދަންނަވާނީ އެއްވެސް އަސާސެއް މިއަދި ނެތޭ ޖޭޕީގެ މެންބަރުންނަށް އެ ޕާޓީގައި ތިބުމުގެ. އެއީ މި ކޯލިޝަނަށް ހިދުމަތް ކޮށްދިނުމުގެ ފުރުސަތު އެ މެންބަރުންނަށް މިހާރު ނެތީތީ. އެހެން ވީމާ އަޅުގަނޑު ދަންނަވާނީ ޖޭޕީގެ މެންބަރުން އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އެއްވެސް ކަމެއް ގާނޫނު އަސާސީގެ ތަރަހައިން ބޭރުން ނުކުރާނެ ކަމުގެ ޔަގީންކަން ގާސިމަށް ވެސް ދެއްވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރައްވާފައި އޮތް ނަމަ އެކަމެއް ހިފައިގެން ކޯޓަށް ދިޔުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ މަގުމަތިން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ދައުވަތު ދެން ކޯޓުތަކަށް ވަޑައިގަތުމަށް. އޭރުން އެފަދަ ކަމެއް އޮވެއްޖިއްޔާ ގާނޫނު އަސާސީ ހިލާފުވާ ހިސާބެއް ސުޕްރީމް ކޯޓުން ބާތިލް ކޮށްދެއްވާނެ. އޭރުން އަޅުގަނޑުމެން އެކަމަކަށް އިހުތިރާމް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަންނަން އުޅޭ ހުކުމަކުން ރެކުމަށް ޓަކައި ގާނޫނު އަސާސީ ހިމާޔަތުގެ ނަމުގައި މަސައްކަތްތަކެއް ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި ޖިނާއީ ހުކުމެއް ކޮންމެ ފަންތިއެއްގެ ބޭފުޅަކަށް އައި ނަމަވެސް ފަސް ޖެހުމެއް ނެތި އެ ހުކުމެއް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދައުވާ އުފުލުމާއި ޝަރުއީ ދާއިރާގެ ކަންތައްތަކާ ބެހިއެއް ނަހަދާނެ އެވެ.

"ޔަގީންކަމާ އެކު އަޅުގަނޑަށް ދަންނަވަން އެނގޭ އެއްޗަކީ ކޮންމެ ފަރާތެއްގެ މައްޗަށް ވެސް ޖިނާއީ ހުކުމެއް އައިސްފި ނަމަ އެކަމެއް ތަންފީޒު ކުރާނަމޭ. އެކަމެއް ކުރުމުގައި އަޅުގަނޑު ފަހެއް ނުޖެހޭނަމޭ،" ރައީސް ވިދާޅުވި އެވެ.