ވިޔަފާރި

އެމްޓީޑީސީގެ މިސްރާބު އަނެއްކާ ވެސް ރިސޯޓް އޮޕަރޭޓް ކުރުމަށް

Aug 7, 2016
  • ކުންފުނީގެ މޮޑެލްއަށް ބަދަލު ގެންނަން މަސައްކަތް ފަށައިފި
  • ކުންފުނިން ބޮޑު ކުއްޔެއް ދައްކަން ޖެހުމަކީ ގޮންޖެހުމެއް
  • ކުންފުނީގެ ބެލުމުގެ ދަށުގައި ފަސް ރަށެއް

ގައުމީ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އިން އަމިއްލައަށް ރިސޯޓްތައް އޮޕަރޭޓް ކުރުމަށް އެ ކުންފުނީގެ ބިޒްނަސް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ކުންފުނީގެ ބޯޑުން މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ އަހުމަދު ނިޔާޒު ވިދާޅުވީ، މިހާޜު ރިސޯޓް ހަދަން ކުންފުންޏަށް ލިބިފައި ހުރި ފަޅުރަށްތަކުގެ ސައިޒަށް ބަލާއިރު، ޓޫރިޒަމް ގާނޫނުގެ ދަށުން ބޮޑެތި ކުލި ތަކެއް ކުންފުނިން ދައްކަން ޖެހޭ ކަމަށެވެ. އަދި ސަބްލީޒްކޮށްގެން ރިސޯޓް ތަރައްގީކޮށް އެކި ފަރާތްތަކުން އެ ތަންތަން ހިންގި ނަމަވެސް އެމްޓީޑީސީ އިން ސަރުކާރަށް ދައްކަން ޖެހޭ ކުލި ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރިސޯޓަކުން ސަރުކާރަށް ދައްކާ ކުއްޔާ އެއްވަރުގެ އަދަދެއް އެ ކުންފުނިން އަންނަނީ ކޮންމެ ރަށެއްގެ ބިމު ކުއްޔަށް ވެސް ދައްކަމުންނެވެ. އޭގެ ސަބަބުން ކުންފުންޏަށް އެދެވޭ ފައިދާއެއް ނުހޯދެ އެވެ. އަދި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކީ ނިޔާޒު ވިދާޅުވި ގޮތުގައި ކުންފުނިން އަމިއްލައަށް ރިސޯޓްތައް މެނޭޖް ކުރުމެވެ.

އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރަން ލިބިފައިވާ ރަށްތަކުގެ ތެރެއިން ތިން ރަށެއް، އެކި ފަރާތްތަކަށް އެ ކުންފުނިން ކުއްޔަށް ދީގެން، ރިސޯޓް ތަރައްގީކޮށް އެތަންތަން ތަރައްގީ ކުރި ފަރާތްތަކުން އަންނަނީ ރިސޯޓްތައް އޮޕަރޭޓް ކުރަމުންނެވެ. އެ ކުންފުނީގައި ޖުމްލަ ފަސް ރަށެއް އޮތް އިރު ބައެއް ތަންތަން އަދި ހަދަން ވެސް ނުފަށަ އެވެ. އަދި ބައެއް ތަންތަން ވަކި ވަރަކަށް ތަރައްގީކޮށް ހުއްޓިފައި ވެސް އެބަ ހުއްޓެވެ.

"އަޅުގަނޑުމެން ބޯޑްގައި މަޝްވަރާ ކުރަމުން މިދަނީ މި ކުންފުނިން މިގޮތަށް ސަބްލީޒް ކުރީމާ ވެސް ބޮޑު ކުއްޔެއް ސަރުކާރަށް މި ކުންފުނިން ދައްކަން ޖެހޭތީ ރިސޯޓްތައް ކޮންޓްރެކްޓްތަކުގެ ދަށުން އޮޕަރޭޓް ކުރުމުގެ މޮޑެލްއަކަށް ދާން. އޭރުން ކުންފުންޏަށް ފައިދާ ބޮޑުވާނެ ކަމަށް ފެންނަނީ. އެކަމަށް ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ބޯޑްގައި މަޝްވަރާ އެބަ ކުރެވޭ،" ގައުމީ ޓީވީ، ޕީއެސްއެމްއަށް ނިޔާޒު ވިދާޅުވެފައިވެ އެވެ.

އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް ވަނީ، 2.2 މިލިއަން ޑޮލަރުގެ ރަނގަޅު ފައިދާއެއް ލިބިފަ އެވެ. މީގެ ކުރިން، އެ ކުންފުނިން އައްޑޫ ހެރެތެރަ ރިސޯޓް ހަދައިގެން އޮޕަރޭޓް ކުރުމުގެ މަސައްކަތްތަކެއް ކުޑަ ދުވަސްކޮޅެއްގައި ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެކި ފަރާތްތަކަށް އެ ރަށުގެ ހިންގުން ހަވާލު ކޮށްގެން ވެސް އެ ރިސޯޓް ހިންގުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ރިސޯޓުން ގެއްލުންވާން ފެށުމުން އެކުންފުނިން ވަނީ އެ ރިސޯޓް ވަނީ އެކީ އަމިއްލަ ފަރާތަކަށް ވިއްކާލައިފަ އެވެ.

ހިއްސާދާރުންނަށް ފައިދާ ބެހޭ ވަރަށް އެ ކުންފުނިން އަންނަނީ މިހާރު ފައިދާ ހޯދަމުންނެވެ. އެހެން ނަމަވެސް ގިނަ އަހަރުތަކެއްގައި ފައިދާ ނުބަހާ ހުރުމުގެ ސަބަބުން ހިއްސާދާރުންގެ ޝައުގުވެރިކަން ކުންފުންޏަށް ވަނީ ގެއްލިފަ އެވެ. އެގޮތުް ފައިދާގެ ގޮތުގައި ބަހަން ނިންމި ފައިސާގެ ތެރެއިން ހިއްސާދާރުން ނުނަގާ، 30 މިލިއަން ރުފިޔާ ކުންފުނީގައި އެބަ ހުއްޓެވެ.