ރާއްޖެ ކުޅިވަރު

"މިހާރު އޮތީ ތަފާތު ވިކްޓްރީއެއް، ސަމާލު ނުވެއްޖެނަމަ ދެރަ ލިބޭނެ"

Aug 7, 2016

އުރީދޫ ދިވެހި ޕްރިމިއާ ލިގްގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅެން ނިކުންނަ ވިކްޓްރީ އިތުރަށް ވަރުގަދަ ވެއްޖެ ކަމަށާއި އީގަލްސް އަށް ސަމާލު ނުވެއްޖެނަމަ ދެރަ ލިބޭނެ ކަމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މިދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗް އީގަލްސް ކާމިޔާބު ކުރީ 3-0 ން ނެވެ.

މިއަދުގެ މެޗާ ބެހޭގޮތުން އަވަސްއާ ވާހަކަ ދައްކަމުން ސާންތީ ބުނީ "ފުރަތަމަ ބުރުގައި ފެނުނު ވިކްޓްރީއަށް ވުރެ މިހާރު އެޓީމު ވަރުގަދަ، ސަމާލު ނުވެއްޖެނަމަ ދެރަ ލިބޭނެކަން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ފެނިގެން ހިނގައްޖެ" ކަމަށެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗް 10 ކުޅުންތެރިންނާއެކު ކުޅެ ވިކްޓްރީ ނިންމާލީ 3-3 ން އެޓީމް އެއްވަރު ކޮށްގެންނެވެ.

"(ލޯސްލޯ) ކިސް އަކީ ކުޅުންތެރިން މޯޓިވޭޓް ކުރުމުގައިވެސް ތަފާތު ކޯޗެއް. ކިސް ވިކްޓްރީއާ ހަވަލުވި ފަހުން އެޓީމުގެ އެޓޭކްތައްވެސް ވަރުގަދަ، ފުރަތަމަ ބުރުގެ މެޗަށް ވުރެ މި މެޗް އުނދަގޫވާނެ" ވިކްޓްރީގެ ކޯޗް ކިސްއަށް ތައުރީފް ކުރަމުން ސާންތީ ބުންޏެވެ.

އޭނާ ބުނީ މެޗްގެ ކުރީ ކޮޅު ނަތީޖާ ފުޅާ ކުރެވިއްޖެނަމަ، އިތުރު ޒުވާން ކުޅުންތެރިންނަށް މެޗުން ފުރުސަތު ދޭނެ ކަމަށެވެ.

ލީގްގައި މިރޭ ބައްދަލު ކުރާނީ މާޒިޔާއާ ނިއުރޭޑިއަންޓެވެ.