އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް 4-0 ގެ ނަތީޖައަކުން ކާމިޔާބު ހޯދައި ކުރިން ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް އެއް ވަނަ އަށް ޖެހިލައިފި އެވެ.
އީގަލްސް އެއް ވަނައިގައި އޮތީ 23 ޕޮއިންޓާއެކުވެ. މި ނަތީޖާގެ ސަބަބުން ލީގް ފެށުނީއްސުރެ ތާވަލުގެ އެއް ވަނައިގައި ދަމަހައްޓަމުން އައި މާޒިޔާ ވަނީ ދެ ވަނަ އަށް ވެއްޓިފައެވެ. މާޒިޔާއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.
ނަމަވެސް މިރޭ މާޒިޔާއާ ނިއުރޭޑިއަންޓް ކުޅޭ މެޗުން މޮޅުވެ މާޒިޔާއަށް އަލުން އެއް ވަނަ މަގާމު ލިބޭނެ އެވެ.
އާ ކޯޗް ލާސްލޯ ކިސްއާއެކު އެންމެ ފަހުން މެޗްގައި ވަރުގަދަކޮށް ފެނުނު ވިކްޓްރީއަށް މި މެޗްގައި ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.
މެޗްގައި އީގަލްސްގެ ލައްޑުތައް ކާމިޔާބު ކުރީ މެސަޑޯނިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ރިސްޓޭ ނައުމޯވް އާއި މިސްރުގެ ކުޅުންތެރިޔާ މުސްތޮފާ މުހައްމަދު ސެޑިކް އެވެ.
ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ރިސްޓޭ ކާމިޔާބު ކުރީ ސެޑިކް ވިކްޓްރީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. އެ ބޯޅަ ވިކްޓްރީގެ ކީޕަރު ހުސައިން ތޮލާލް ހިފަން މަސައްކަތް ކުރި ނަމަވެސް ރިސްޓޭ އެބޯޅަ ފޮނުވާލީ ތޮލާލްގެ އަތުގައި ޖެހުމުގެ ކުރިންނެވެ.
ދެ ވަނަ ލަނޑު ސެޑިކް ކަމިޔާބު ކުރީ ފުރަތަމަ ހާފު އެންމެ ފަހު މިނެޓް ތެރޭގައި ބޯޅަ ހިފައިންގެ ޕެނަލްޓީ އޭރިއާއަށް ވަނުމަށްފަހު، ވިކްޓްރީގެ ޑިފެންޑާރުންނާއި ކީޕަރު ވެސް ނައްޓާލުމަށްފަހުއެވެ.
ތިން ވަނަ ލަނޑު ސެޑިކް ކަމިޔަބު ކުރީ ދެ ވަނަ ހާފުގެ ކުޅުން ފަށައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހްމަދު ޒާދު ތަނަވަސްކޮށް ދިން ފުރުސަތެއްގަ އެވެ.
ހަތަރު ވަނަ ލަނޑު 71 ވަނަ މިނެޓްގައި ރިސްޓޭ ކާމިޔާބު ކުރީ އީގަލްސްގެ ހަމްދާން އިބްރަހިމް ހުރަސް ކުރި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މިމެޗްގައި ވިކްޓްރީ ކޮޅަށް ވަން ހަތަރު ލަނޑާއެކު ލީގްގައި މިހާތަނަށް އެޓީމު ކޮޅަށް ވަނީ 25 ލަނޑު ވަދެފައެވެ. އެޓީމަށް ޖެހިފައިވަނީ އެންމެ ނުވަ ލަނޑެވެ.