ދުނިޔެ

ތައި އަސްކަރީ ސަރުކާރުގެ ގާނޫނު އަސާސީއަށް އާންމުން ރުހުންދީފި

Aug 7, 2016

ތައިލެންޑްގައި ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރުން އެކުލަވައިލި އާ ގާނޫނު އަސާސިއަށް ނެގި ފެންނަ ނުފެންނަ ވޯޓްގައި، ގާނޫނު އަސާސީއަށް ރުހުން އޮތް ކަމަށް ތައިލެންޑްގެ ރައްޔިތުން ވޯޓް ދީފިއެވެ.

މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓްގައި 94 ޕަސަންޓް ވޯޓް ގުނާ ނިމިފައިވާއިރު 61.4 ޕަސެންޓް މީހުން ވަނީ ގާނޫނު އަސާސީ އަށް ރުހުންދޭން ފެންނަ ކަމަށް ވޯޓް ދީފަައެވެ. ގުނާ ނިމިފައިވާ ވޯޓް ތަކުގެ ނަތީޖާތައް ދައްކާ ގޮތުން ނުފެންނަ ކަމަށް ވޯޓް ދީފައި ވަނީ 38.6 ޕަސަންޓް މީހުންނެވެ.

ގާނޫނު އަސާސީއަށް ތައިލެންޑްގެ މައި ޕާޓީތަކުން ވަނީ ފަޑު ކިޔާފަ އެވެ. އެގޮތުން ޕާޓީތައް ބުނެފައި ވަނީ އެ ގާނޫނު އަސާސީއަކީ ޑިމޮކްރަސީގެ މަގަށް އެކުލަވައިލި ގާނޫނުއަސާސީއެއް ނޫނެވެ.

މިއީ 2014 ވަނަ އަހަރު އަސްކަރީ އިންގްލާބަކުން އަސްކަރިއްޔާއިން ތައިލެންޑްގެ ވެރިކަން ހޯދި ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ ފެންނަ ނުފަން ވޯޓެވެ. އާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ އިންތިހާބު އަންނަ އަހަރު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ނަމަވެސް އިންތިހާބު ކަމިޔާބު ކުރާ ފަރާތްތަކުން ވެރިކަން ކުރަން ޖެހޭނީ އަސްކަރީ ހަމަތަކުގެ މަތިންނެވެ. ތައިލެންޑްގެ އަސްކަރިއްޔާއިން އަސްކަރީ އިންގްލާބެއް ގެނައީ އެ ގައުމުގައި ކޮރަޕްޝަނާ ފަސާދަ އާންމުވެ އިގްތިސޯދު ދަށަށް ދާން ފެށުމުންނެވެ.

އިންތިހާބުގެ ދާއިމީ ނަތިޖާ އިއުލާން ކުރަނީ މިއަންނަ ބުދަ ދުވަހުއެވެ.