ރާއްޖެ ކުޅިވަރު

މާޒިޔާ އަލުން ލީގް އެއްވަނަ އަށް

މެޗަށް ނިކުތް އިރު ތާވަލުގެ ދެ ވަނައިގައި އޮތް މާޒިޔާއިން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގް ތާވަލުގެ އެއް ވަނައަށް އަލުން ޖެހިލައިފި އެވެ.

މެޗަށް ނުކުތުމާ ހަމަޔަށް އެއް ވަނައިގައި އޮތީ މިއަދު ވިކްޓްރީ މައްޗަށް ކާމިޔާބު ހޯދި އީގަލްސް އެވެ.

މާޒިޔާގެ މޮޅުވެ ތާވަލުގެ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓް ލީޑަކާ އެކުއެވެ. އެޓީމުން 24 ޕޮއިންޓް ހޯދައިފައިވާއިރު އީގަލްސްއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ކާމިޔަބު ކުރީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މެޗްގައި ނިއު އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗްގެ 77 ވަނަ މިނެޓްގައި ޕެނަލްޓީ އެރިއާ ބޭރުން އެޓީމުން ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރީ ގޯލްގެ ކަނާ ދިމާލުން ގޯލް ލައިން މަތިންނެވެ.

މެޗްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މާޒިޔާ އަހްމަދު ނާޝިދު (ނާއްޓޭ) އަށް ވަނީ އޭނާ ކުޅެން އެރިތާ ކުޑަ އިރުކޮޅެއް ފަހުން، ކުޅުމުން ބޭރުގައި ނިއުގެ އަހްމަދު ނިޔާޒު (ނިޔާ) އަށް ކުރި ފައުލަކާ ގުޅިގެން ރަތް ކަޑު ދައްކައި ދަނޑު ފޮނުވާލައިފައެވެ.

ލީގްގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ވެލެންސިއާއެވެ.