އަބްދުﷲ ޖިހާދު

ނައިބު ރައީސް ޖިހާދު، އިންޑިއާ ސަފީރާ ބައްދަލު ކުރައްވައިފި

Aug 8, 2016

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ރާއްޖެއަށް ދިމާވާ އެކިކަންކަމުގައި އިންޑިޔާ ސަރުކާރުގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާ ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން އިންޑިޔާ ސަފީރާއެކު މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.