ކުޅިވަރު

ވީއޭއެމްގެ އިންތިހާބު ބާތިލްކޮށް 30 ދުވަސްތެރޭ އަލުން ބޭއްވަން އަންގައިފި

Aug 8, 2016

މި އަހަރު މާރިޗް މަހު ބޭއްވި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބު ބާތިލްކޮށް، 30 ދުވަސްތެރޭ އަލުން އިންތިހާބު ބޭއްވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންގައިފި އެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނާޝިދު (ޑޭވް) އަވަސްއަށް ވިދާޅުވީ އިންތިހާބާ ގުޅިގެން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބެލި ބެލުމުން ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އެނގޭ ކަމަށެވެ.

"އިންތިހާބު ސައްހަ ވާނެ އެއް ވެސް ގޮތެއް ނެތް. ގިނަ އަޅުވާލުންތަކެއް އެބަހުރި ހިނގާފައި،" ޑޭވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ބާތިލު ކުރުމަށްފަހު، 30 ދުވަސްތެރޭ އަލުން އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފައިވާނެ ކަމަށެވެ.

"ދެން އިންތިހާބު ބާއްވާނީ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން. އިންތިހާބު އަލުން ބާއްވަން އަންގާފައިވާނެ" ޑޭވް ވިދާޅުވި އެވެ.

ވީއޭއެމްގެ އިންތިހާބު ބާތިލު ކުރިއިރު، އިންތިހާބުގެ މައްސަލައެއް ސިވިލް ކޯޓްގައި ވެސް ކުރިއަށް ދެއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިންތިހާބުގައި ވީއޭއެމްގެ ރައީސް މުހައްމަދު ރިޔާޒުއާ ވާދަ ކުރެއްވި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ކާނަލް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓް ލުމުގެ ޝަރުތު ހަމަނުވާ ބައެއް ކުލަބުތަކަށް ވޯޓް ދިނުމުގެ ފުރުސަތު ތަނަވެސް ވެފައި ނުވާ ކަމަށެވެ.

މާޗް މަހު 14 ގައި ބޭއްވި އިންތިހާބުގައި ކާނަލްއާއި ރިޔާޒުގެ ވޯޓް ދެބުރުންވެސް އެއްވަރުވުމުން، ރިޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޮލީ އެކްސްކޯއަށް ހުށަހަޅައި އެކްސްކޯއިން ވޯޓް ދިނުމުންނެވެ.