ޓޫރިސްޓް އެރައިވަލް

ޖުލައި މަހުގެ ނިޔަލަށް އައި ޓޫރިސްޓުން 5.7 ޕަސެންޓް އިތުރުވެއްޖެ

  • ޔޫރަޕު މާކެޓު 11.2 ޕަސެންޓް އިތުރު
  • ޗައިނާ މާކެޓު 12.2 ޕަސެންޓް ދަށަށް
  • މުހިންމު މާކެޓުތައް އިތުރުވި

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 5.7 ޕަސެންޓް އިތުރުވެ، ރެކޯޑެއް ގާއިމް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 730،353 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 713،622 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޖޫން މަހަކީ އެންމެ މަދުން ޓޫރިސްޓުން ޒިޔާރަތްކުރި މަހުގެ ގޮތުގައި ބެލިފައިވާއިރު، ޖުލައި މަހު ނިސްބަތުން ބޮޑު ކުރިއެރުމެއް އަންނަ މަހެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު ރާއްޖެއަށް 110،432 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މިއީ ޖުލައި މަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި މަސް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޖުލައި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ ގިނަ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މުޅި ޔޫރަޕުން މިދިޔަ މަހު 37،859 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 34،021 ޓޫރިސްޓުންނެވެ. މިއީ 11.3 ޕަސެންޓުގެ ކުރި އެރުމެކެވެ. ޔޫރަޕަށް ބަލާއިރު މި އަހަރުގެ ޖުލައި މަހު ރަޝިޔާއިން 3،415 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ޒިޔާރަތް ކުރީ 3،180 މިއީ 7.4 ޕަސެންޓުގެ ކުރި އެރުމެކެވެ. އަދި އިނގިރޭސިވިލާތުން މި އަހަރުގެ ޖުލައި މަހު 7،898 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައިވަނީ 7،174 ޓޫރިސްޓުންނެވެ. މިއީ 10.1 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް ޗައިނާ މާކެޓު ވަނީ ދަށަށް ގޮސްފަ އެވެ. ޗައިނާ އިން މި އަހަރުގެ ޖުލައި މަހު 36،565 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައިވަނީ 41،527 ޓޫރިސްޓުންނެވެ. މިއީ 12.2 ޕަސެންޓް ދަށްވުމެކެވެ.