ރާއްޖެ ކުޅިވަރު

"އިންތިހާބަށް ގޮތް ކިޔަން ސްޕޯޓްސް ކޮމިޝަނާގެ ހައިސިއްޔަތެއް ނެތް"

Aug 8, 2016
1

މިއަހަރު މާރިޗް މަހު 14 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބު ބާތިލް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނާޝީދު (ޑޭވް) އަށް ނެތް ކަމަށް ވީއޭއެމްގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނާޝިދު ވަނީ ވީއޭއެމްގެ އިންތިހަބު ބާތިލުކޮށް 30 ދުވަސް ތެރޭ އަލުން އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ.

ނަމަވެސް އަވަސްއާ ވާހަކަ ދައްކަމުން އިއްލަ ވިދާޅުވީ "އިންތިހާބު ބާތިލު ކުރަން ވިޔަސް ނުވަތަ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމަން ކަމަށް ވިޔަސް ސްޕޯޓްސް ކޮމިޝަނަރަކީ ވީއޭއެމްގެ ބަލަދުވެރި ފަރާތް ނޫން ކަމަށެވެ. އިންތިހާބާ ގުޅޭ ގޮތުން ކޮމިޝަނާ ވަކި ގޮތެއް ނޭންގޭނެ ކަމަށެވެ.

އިއްލަ ވިދާޅުވީ ކޯޓްގައި މައްސަލަ ހިނގަމުން ދަނިކޮށް ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި ވަކި ފަރުދަކު ގޮތެއް ނިންމުމުން އެއީ "ވަރަށް ހެއްވާ ކަމެއް" ކަމަށެވެ.

"މިއަދު ސްޕޯޓްސް ކޮމިޝަނަރުން އެންގީ އިންތިހާބު ބާތިލު ކަމަށް. ކޯޓްގައި ކުރިއަށްދާ ޝަރީއަތުގައި ކޯޓުން މި ނިންމަނީ އިންތިހާބު ސައްހަ ކަމަށް ދެން ކިހިނެއްތޯ ހަދާނީ،" އިއްލަ ވިދާޅުވި އެވެ. "ރާއްޖޭގައި ނަމަ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާބެހޭ ރަޖިސްޓާއާއި ހުރިހާ ކުޅިވަރުތަކެއް ތަމްސީލު ކުރާ ސްޕޯޓްސް ކައުންސިލުން"

އިއްލަ މީގެ ކުރިން އަވަސްއަށް ވިދާޅުވީ ވީއޭއެމްގެ އިންތިހާބު އޭޝިއާގެ ވޮލީބޯލް އެސޯސިއޭޝަން (އޭވީސީ) އާއި ދުނިޔޭގެ ވޮލީބޯލް ފެޑްރޭޝަން (އެފްއައިވީބީ) އިން ގަބޫލުކޮށްފައިވާ ކަމަށެވެ.