އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ލީގްގެ ތިން ވަނައިގައި ޓީސީއިން ލީޑް ފުޅާކޮށްފި އެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޓީސީ ތިން ވަނައިގައި އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި ވެލެންސިއާ އޮތީ 15 ޕޮއިންޓާއެކު އެވެ.
ޓީސީއާ ވެލެންސިއާ ފުރތަމަ ބުރުގައި ކުޅުނު މެޗް ކާމިޔާބު ކުރީ ވެލެންސިއާ އެވެ.
ހަ ވަނައިގައި 13 ޕޮއިންޓާއެކު އޮތް އޮތް ޔުނައިޓަޑް ވިކްޓްރީ މިރޭ ބީޖީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ހަތަރު ވަނަ ލިބޭނެ އެވެ.
މެޗްގެ ފުރަތަމަ ހާފުގައި ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ދެ ވަނަ ހާފުގައި ވެލެންސިއާއަށް ވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ. އެގޮތުން އެޓީމުގެ ސްޕެއިންގެ ފޯވަޑް މޮނޯޒްއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ.
މެޗްގެ 88 ވަނަ މިނެޓްގައި ވެލެންސިއާގެ ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހަން ފުލުފުލުގައި ދެތިން ފުރުސަތެއް ލިބިގެންގޮސްފަ އެވެ. ގޯލް ދަނޑިއަށް އަމާޒުވެގެންނާއި ރީބައުންސުން ނިކުތް ބޯޅަތައް ފޮނުވާލަން މަސައްކަތް ކުރި ނަމަަވެސް ގޯލް ރޮނގުން އެތެރެ ކޮށްލެވިފައެއް ނުވެއެވެ.
ޓީސީ ދެ ވަނަ ލަނޑު މެޗް ނިމެން މިނެޓަކަށް ވެފައި ހުއްޓައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކެޕްޓަން ޝާފީއު އަހްމަދު (ޝާފީ) ޓީސީގެ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފުލާ ގުޅިގެން ލިބުނު ޕެނަލްޓީ އެއްގައި ކާމިޔާބު ކުރީ ސެންޓޭއެވެ.