ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބެލޫޗިސްތާންގެ ކްއިޓާގެ ހޮސްޕިޓަލެއްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 70 މީހުން މަރުވެ 100 ވުރެ ގިނަ މީހުން ޒަހަމް ވެއްޖެއެވެ.
ހަމަލާ ދިން އެވަގުތަކީ އެ ހޮސްޕިޓަލުގައި މީހަކު މަރުވެގެން ޖަނާޒާއެއް ކުރިއަށް ގެންދިޔަ ވަގުތެވެ.
މި ހަމަލާގެ ޒިންމާ ނަގައިފައިވަނީ ޕާކިސްތާންގެ ތޯލިބާނުންގެ ފެކްޝަނެއް ކަމަށްވާ ތަހްރީކޭ ތޯލިބާން ޕާކިސްތާން ޖަމާއަތުއް އަހްރާރުންނެވެ.
"ތަހްރީކޭ ތޯލިބާން ޕާކިސްތާން ޖަމާއަތުއް އަހްރާރް ން މިހަމަލާގެ ޒިންމާ ނަގަން. އަދި އަހަރެމެން ވައުދުވަން މި ފަދަ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނަން. އަދި މި ހަމަލާގެ ވީޑިއޯ ރިޕޯޓެއް ފަހުން އާންމު ކުރާނަން،" އެ ޖަމާއަތުގެ ތަރުޖަމާން އިހްސާނުﷲ އިހްސާން ފޮނުވި އީމެއިލެއްގައި ބުނެފައިވެއެވެ.
އެ ހަމަލާ އަމާޒު ކޮށްފައިވަނީ ގާނޫނީ ވަކީލުންގެ ގްރޫޕަކަށެވެ. ހޮސްޕިޓަލްގައި މަރުވެފައި އޮތް މީހާއަކީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މީހެކެވެ. ގާނޫނީ ވަކީލުންގެ ޓީމުން ހޮސްޕިޓަލަށް ދިޔައީ އޭނާގެ ޖަނާޒާގައި ބައިވެރި ވުމަށެވެ.
އަލް ޖަޒީރާއިން ބުނީ މަރުވެފައިވާ ގިނަ މީހުން ތިބީ ކޯޓް ފަޓުލޫނު ގައި ކަމަށެވެ.
ބެލޫޗިސްތާންގެ ހޯމް މިނިސްޓަރު ޝަރަފުރާޒް ބަގުޓީ ވިދާޅުވީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ގާނޫނީ ވަކީލުން ހޮސްޕިޓަލަށް ޖަމާވީ ބަލޮޗިސްތާންގެ ގާނޫނީ ވަކީލުންގެ ޖަމްއިއްޔާގެ ނުވަތަ ބާ އެސޯސިއޭޝަންގެ ކުރީގެ ރައީސް މަރުވުމުން އޭނާގެ ޖަނާޒާގައި ބައިވެރި ވުމަށެވެ.
ބަލޮޗިސްތާންއަކީ އަފުގާނީސްތާނާ އީރާނާ ގުޅޭޭ ސަރަހައްދީ ރޮނގާ ކައިރިއެވެ. އެ ޕްރޮވިންސުގައި ޝިއައީންނާ ސުންނީން ނާ ދެމެދު ގިނަ ހަމަނުޖުންތަކެއް މީގެ ކުރިން ވަނީ ހިނގާފައެވެ.
ބަލޮޗިސްތާންއަކީ އަފުގާނީސްތާނާ އީރާނާ ގުޅޭޭ ސަރަހައްދީ ރޮނގާ ކައިރިއެވެ. އެ ޕްރޮވިންސުގައި ޝިއައީންނާ ސުންނީން ނާ ދެމެދު ގިނަ ހަމަނުޖުންތަކެއް މީގެ ކުރިން ވަނީ ހިނގާފައެވެ.