ބޮލީވުޑް

"ޖައްގާ ޖާސޫސް" ރިލީޒްކުރުން އަންނަ އެޕްރީލްގައި

Aug 9, 2016
1

ފާއިތުވި ދެއަހަރުން ފެށިގެންް އުފައްދަމުން އަންނަ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" އެންމެފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް ފިލްމުގެ ގިނަ މަންޒަރުތަކެއް އަލުން ނަގަން ޖެހުމުގެ ސަބަބުން ފިލްމު ރިލީޒްކުރުން ވަނީ މިއަހަރުގެ މެދުތެރެއަށް ލަސްކޮށްފަ އެވެ.

ފިލްމު އުފައްދަމުން އަންނަތާ އެހާ ގިނަދުވަސްވެފައިވުމާއި ފިލްމު ރިލީޒްކުރާ ތާރީހު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހަތަށް ޖައްސާލުމުން މިފިލްމު ރިލީޒްވެދާނެ ކަމާމެދު ގިނަބަޔަކު ޝައްކުކުރި އެވެ.

އަނެއްކޮޅުން ފިލްމުގެ ނުނެގިހުރި މަންޒަރުތައް ނަގައި ނުނިމެނީސް ފިލްމުގެ ލީޑްދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވުމުން ފިލްމުގެ މަންޒަރުތައް ނުނެގި އެތަކެއް މައްސަލައެއް ވަނީ ކުރިމަތިވެގެން ގޮސްފަ އެވެ. ފަހުން ކަނޑައެޅި ތާރީހާށް ވެސް ފިލްމު ނުނިމުން ރިލީޒްކުރުން ލަސްކޮށްފައިވާއިރު، އެންމެފަހުން މިފިލްމު ރިލީޒްކުރާނެ ދުވަހެއް މިވަނީ އިއުލާންކޮށްފަ އެވެ.

ޔޫޓީވީ މޯޝަން ޕިކްޗާސްއިން ކުރި ޓްވީޓެއްގައި ވަނީ ޑިޒްނީއިން ޕްރޮޑިއުސްކުރާ މިފިލްމު އަންނަ އެޕްރީލްގެ 7ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް ބުނެފަ އެވެ.

މިއަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރިލީޒްކުރި ޑިޒްނީގެ "ދަ ޖަންގަލް ބުކް" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، "ޖައްގާ ޖާސޫސް" ރިލީޒްކުރަނީ އެފިލްމު ރިލީޒްކުރިތާ އަހަރެއްވާ ދުވަހާ ދިމާކޮށެވެ.

ރަންބީރާއި އަނޫރާގްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ޕިކްޗާ ޝުރޫ ޕްރޮޑަކްޝަންއިން ވެސް ޕްރޮޑިއުސްކުރާ މިފިލްމުގައި ރަންބީރު ފެނިގެންދަނީ ޒުވާން ޑިޓެކްޓިވްއެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ އޭނާގެ ބައްޕަ ހޯދުމަށްކުރާ މަސައްކަތުގައި އެހީތެރިވާ މީހެއްގެ ގޮތުގަ އެވެ.

ރަންބީރުގެ އެންމެފަހުން ރިލީޒްވެފައިވާ ފިލްމަކީ މިދިޔަ އަހަރު ނިކުތް "ތަމާޝާ" އެވެ. އަދި ކެޓްރީނާ ދެން އެންމެއަވަހަށް ފެނިގެންދާނީ އަންނަ މަހު ރިލީޒްވާ "ބާރް ބާރް ދޭކޯ" އިން ސިދާތް މަލްހޯތުރާ އާއެކު އެވެ.