ކަޝްމީރުގެ މައްސަލަ

ކަޝްމީރުގެ މަސްރަހު ގޯސްވެ 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

Aug 9, 2016

އިންޑިއާގެ އަތް ދަށުން މިނިވަން ވުމަށް ގޮވާލާ ކަޝްމީރުގައި ބާއްވަމުންދާ ސިލްސިލާ މުޒާހާރާތަކުގައި 100 އަށް ވުރެ ގިނަ މީހުން އިންޑިއާގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފި އެވެ.

ކަޝްމީރުގެ ފުލުހުންގެ އިނިސްޕެކްޓާ ޖެނަރަލް ސައްޔިދު ޖާވިދު މުޖުތަބާ ވިދާޅުވީ މުޒާހާރާކުރި މީހުން ހައްޔަރުކޮށްފައިވަނީ އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް ކަމަށާއި އެއީ މުޒާހަރާތަކުގައި 55 މީހަކު މަރުވެ ހާހަކަށް ވުރެ ގިނަ މީހުން ޒަހަމް ވުމާ ގުޅިގެން ކަމަށެވެ.

މިދިއަ ޖުލައި މަހު އަށް ވަނަ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާއަތުގެ ޒުވާން ލީޑަރު މަރާލުމާ ގުޅިގެން ކަޝްމީރުގެ މައްސަލަ ވަނީ ގޯސްވެފަ އެވެ. އަދި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ކާފިއު އިއުލާން ކުރިއެވެ.

އިންޑިއާއިން ކާފިއު އިއުލާން ކުރުމުން އެތައް ހާސް ބަޔަކު ވަނީ އިންޑިއާ ދެކޮޅަށް މަގުތަކަށް ނިކުމެ އިންޑިއާގެ ސިފައިންނާ ދިމާއަށް އޮށްގާ އުކާފައެވެ. އަދި އިންޑިއާ ސިފައިން ވަނީ ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކަރުނަގޭހާއި ލައިވް ވަޒަން ވެސް ބޭނުންކޮށްފައެވެ.

ކާފިއުގެ ސަބަބުން ކަޝްމީރުގެ ފިހާރަތަކާއި ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހަނު ހުންނަވާ މައްސަލައިގައި އިއްޔެ އިންޑިއާ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ މެންބަރުން ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަދި އިންޑިއާގެ ސިފައިން މުޒާހާރަ ކުރާ މީހުންނަށް އަމާޒުކޮށް ބަޑި ޖެހުމުން އިދިކޮޅު މެންބަރުން ވަނީ ރައްޔިތުގެ މަޖިލީހުގެ މަތިގޭގައި އިންޑިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ގްލާމް ނާބީ އާޒާދު ވަނީ ކަޝްމީރުގެ މައްސަލަ ފިނި ކުރުމަށް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީ ތަކާއެކު މަޝްވަރާ ކުރުމަށް ބޮޑު ވަޒީރު މޯދީ އަށް ގޮވާލައްވާފަ އެވެ.