ރިޕޯޓް

ބްރިޖު ބަލަން ދާ މީހުންނަށް އުފާވެރި ހަބަރެއް!

Aug 10, 2016
13

ރާއްޖެއާ ޗައިނާގެ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖުގެ މަސައްކަތަކީ އެކަމަށް އެންމެންގެ ސަމާލުކަން ހުއްޓުވާލާފައިވާ މަސައްކަތެކެވެ. މައިގަނޑު ސަބަބަކީ ދިވެހި ތާރީހުގައި މީގެ ކުރިން ނުފެންނަ ވަރުގެ ބިޔަ މަޝްރޫއެއް ދިވެހިންގެ ލޯކުރިމަތީ ކުރިޔަށްދިއުން ކަމަށް ވެދާނެ އެވެ. ގައިމުވެސް މިއީ ލޮލުގައި އަޅުވައިލި އަންދުނެކޭ ބުނެވޭކަށް ނެތެވެ. ފެނިގެން މިދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ތަންބުތައް ޖެހުމައް އަޅައި "ޓްރެސިލް ބްރިޖް" ނޫނީ މަސައްކަތް ކުރާ އަށިވެސް މާލެއިން ފެށިގެން ހުޅުމާލެއަށް ދަމާލާފައި އޮތް މަންޒަރެވެ.

މާލެއާ ހުޅުލެ ދެމެދު ގުޅާލެވޭ މި ބްރިޖުގެ މަސައްކަތް ކުރިޔަށް ދާ ހިތްގައިމު މަންޒަރު ބަލާލަން ދިޔުމަކީ މިހާރު އާދައެކެވެ. ބްރިޖު އެޅޭނީ ދެ އަހަރުގެ މުއްދަތެއް ތެރޭގަ އެވެ. އެއީ ދިގު މުއްދަތެކެވެ. އެ މުއްދަތު ތެރޭގައި ސައިކަލު ބުރު ޖަހަން ނިކުންނަ މީހުން އެގޮތަށް ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތް ބަލައިލަން ވަރަށް ފޯރި ހުރެ އެވެ. އެ ފޯރީގައި އެތައް ބަޔަކު ލޮނުޒިޔާރަތް ކޮޅަށް ސައިކަލުތަކުގައި މަޑުކޮށްލަ އެވެ. ބްރިޖު ބަލަން އެއްވާ މީހުން ސައިކަލުތަކުގައި މަޑުކޮށްލައިގެން ތިބޭތީ ދުއްވާ އެއްޗެއްސަށް ބައެއް ފަހަރު ގިނަ ދަތިތަކާ ވެސް ކުރިމަތިވެއެވެ. މީހުން ގިނަވެ މުޅި މަގު ތޮއްޖެހި ފުރިބާރު ވެއެވެ.

ހައުސިން މިނިސްޓްރީ އިން އަންނަނީ ބްރިޖު ބަލަންދާ މީހުނަށް ފެންވަރުގެ އިޖާބައެއްދޭން ތައްޔާރުވަމުންނެވެ. މިހާރުވަނީ އެކަމުގެ ޕްލޭނިންގެ މަސައްކަތްވެސް ވަނީ ނިންމާފަ އެވެ. އުފާވެރި ހަބަރު މިއޮތީ އެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖޭގައި ހިނގައި އެންމެ ތަފާތުއެއް މަޝްރޫއު. އަދި އެހާ ގިނަ ބަޔަކު އެތަން ބަލަން ޝައުގުވެރިވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ތަނަވަސް ކޮށްދޭން. އަދި ގިނަ ބަޔަކު އަޅުގަނޑުމެން ކައިރިން އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ރިކްއެސްޓުވެސް ކުރި. އެހެންވެ އަރާމުގައި ހިތް ހަމަޖެހިލައިގެން ބްރިޖު ބަލަން ތިބެވޭ ގޮތަށް ލޮނުޒިޔާރަތް ކޮޅުގައި އޮންނަ ހުސްޖާގާގައި 'ބްރިޖް ވިއުއިން ޕްލެޓްފޯމް' އެއް ތަރައްގީ ކުރަން. އޭގެ އިތުރުން އެތަނުގައި މީހުން ކޮފީ ބޯން ފުޑް އައުޓްލެޓެއް ވެސް ގާއިމް ކުރާނެ. އޭރުން ހަމަޖެހިލައިގެން ބްރިޖުގެ މަންޒަރު ބަލައިލަން ތިބެންވީ،" ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެ މިނިސްޓްރީއިން މިހާރުވަނީ އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތެއް ހޯދަން ވެސް އިއުލާންކޮށްފައެވެ.

ހައުސިން މިނިސްޓްރީން ޝާއިއުކޮށްފައިވާ "ބްރިޖު ވިއުއިން ޕްލެޓްފޯމްގެ ޕްރޮޕޯސަލްގައިވާ ކުރެހުމުން ދައްކާ ގޮތުގައި ލޮނުޒިޔާރަތް ކޮޅު ހުސްކޮށް އޮންނަ ސަރަހައްދުގައި ޕާކިން ޒޯނެއްވެސް އޮންނާނެ އެވެ. ބްރިޖު ބަލަން ތިބޭ "ފެންޑާ" އެއް ގޮތަށް ސިޑިބަރިއެއް ވެސް ޖަހާނެ އެވެ. އަދި އެ ސިޑި ބަރީގެ ފަހަތުގައި މޭޒާއި ގޮންޑި ބަހައްޓައި ކައިރީގައި ފުޑް އައުޓްލެޓެއް ތަރައްގީ ކުރާނެ އެވެ.

މިއީ ބްރިޖު ބަލައިލަން ދާމީހުނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެެކެވެ. މަގުގައި ތޮއްޖެހި ބަރުގޮނުގެ އަޑަށް ރުޅިގަދަވާކަށް ނުޖެހޭނެ އެވެ. އެ ސިޑިބަރީގައި އިށީނދެލައިގެން އާއިލާއާއެކު ކޮފީ ބޯލަން ތިބެވޭނެ ކަހަލަ ހިތް ގައިމު މާހައުލެއް މި އަންނަނީ އެވެ. އުންމީދުން ފުރިގެންވާ މަޝްރޫއު ކުރިޔަށްދާ ގޮތް ރީއްޗަށް ބަލައިލަންވީ އެވެ.