ބޮލީވުޑް

ސަލްމާނަށް ޖިމްނާސްޓްގެ ނަންވެސް ނޭނގޭ!

Aug 10, 2016

އިންޑިއާގެ ޖިމްނާސްޓް ދިޕާ ކަރްމާކަރް ވަނީ 52 އަހަރު ފަހުން ރިއޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފައިނަލަށް ކޮލިފައިވި އިންޑިއާގެ ފުރަތަމަ އަންހެން ޖިމްނާސްޓަށްވެ، ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފަ އެވެ.

އުމުރުން 23 އަހަރުގެ ދިޕިާ ޖިމްނާސްޓިކްއިން ރިއޯ އޮލިމްޕިކްސް އަށް ކޮލިފައިވުމުން އޭނާ އަށް މަރުހަބާކީ މީހުންގެ ލިސްޓުގައި ހިމެނޭ އެކަކީ ރިއޯ އޮލިމްޕިކްސްގެ ގުޑްވިލް އެމްބެސެޑަރަކަށް އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަނުން ކަނޑައެޅި ސުޕަސްޓާ ސަލްމާން ޚާން އެވެ.

ސަލްމާން ފަދަ ކުޅިވަރުގައި ހަރަކާތްތެރިނުވާ މީހަކު ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖެއްސުމުން އޭނާ އަށް އިންތިހާއަށް ފާޑުކިޔާފައިވާއިރު، އިންޑިއާގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތުން ވެސް ވަނީ އެކަމަށް ފާޑުކިޔައި ހަޖޫޖަހާފަ އެވެ.

އަބަދުވެސް ކޮންމެވެސް ކަންތައްގަނޑެއްގެ ތެރޭގައި އުޅޭ ސަލްމާން މިވަނީ މިފަހަރު އޮލިމްޕިކްސްގެ ޖިމްނާސްޓިކް ފައިނަލަށް ދިޔަ ދިޕާގެ ނަން ނުބައިކޮށް ކިޔުމުން ޖޯކަކަށް ވެގެން ގޮސްފަ އެވެ.

ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ފިލްމު "ފްރީކީ އަލީ" ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި އިވެންޓްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުން އެއްގޮތަކަށްވެސް ދިޕާގެ ނަން ރަނގަޅަށް ނުކިޔުނީ އެވެ. ނުވިތާކަށް ދިޕާ ޖިމްނާސްޓިކްގެ ފައިނަލަށް ދިއުމުންވެސް ސަލްމާން ވަނީ އޭނާ މިހާރު މުބާރާތުން ކަޓާފައިވާ ކަމަށާއި އަދި އޭނާއަށް އެނގިފައިވާ ގޮތުގައި ދިޕާ އަށް ލިބިފައިވަނީ 8 ވަނަ ކަމަށެެވެ.

ޖިމްނާސްޓިކްގެ ފައިނަލް ބުރު އޮތީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ދިޕާ އާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ޖަވާބު ދެމުން ސަލްމާން ވަނީ " އަހަންނަށް ހީވީ.. އެއީ.. ދިޕިކާ ތަ އެއީ؟ އަހަރެން ހީކުރީ އޭނާ އަށް ގޯލްޑް މެޑަލެއް ލިބޭނެ ކަމަށް. އެކަމަކު އޭނާ ދިޔައީ 8 ވަނަ އަށް ނޫންތަ؟ ބުނެފަ އެވެ. ސަލްމާނަށް ދިޕާގެ ނަން ބުނައިކޮށް ބުނެވުމުން ރިޕޯޓަރަކު އޭނާއަށް ކިޔަނީ ދީޕްތީއޭ ބުނުމުން ސަލްމާން ވަނީ "އާނ! ދީޕްތީ" އޭ ބުނެފަ އެވެ.

އެއިވެންޓުގައި ސަލްމާނަށް ދިޕާގެ ނަން ނުބައިކޮށް ބުނެވުނު ނަމަވެސް އެޕްރީލް 30 ވަނަ ދުވަހު ދިޕާ އަށް ތާއީދުކޮށް އޭނާ ކުރި ޓްވީޓެއްގައި އޭނާގެ ނަން ލިޔެފައިވަނީ ރަނގަޅަށެވެ.

މިހިސާބުން ނިމުނީކީ އެއް ނޫނެވެ. "ފްރީކީ އަލީ" ގެ ޓްރެއިލާ ލޯންޗްކުރުމުުގެ ހަފްލާގައި ސަލްމާން ފިލްމުގެ ލީޑްދެތަރިން ކަމަށްވާ ނަވާޒުއްދީން ސިއްދީގީއަށް ސްޓޭޖަށް ދައުވަތު ދިންއިރު އޭނާގެ ނަން ވެސް ގޮވާފައިވަނީ ނުބައިކޮށް، ނަވާޒުއްދީން ޝާހްއޭ ކިޔައިފަ އެވެ. އަދި ފިލްމުގެ ބަތަލާގެ ނަން ސަލްމާން ހަނދާންވެސް ނުކުރެވިގެން އުޅުނު ކަމަށް ނޫސްތަކުގައިވެ އެވެ.