ބޮލީވުޑް

"ޓިއުބްލައިޓް" ގެ ބަތަލާ އަކީ ޗައިނާގެ އެކްޓްރެސްއެއް

Aug 10, 2016

ސަލްމާން ޚާން މިހާރު ޕާކިސްތާނުގެ ލަޑަކްގައި ޝޫޓް ކުރަމުން އަންނަ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ ބަތަލާއަކީ ބޮލީވުޑްގެ މިވަގުތު ތިބި އެންމެ ކުޅަދާނަ ދެބަތަލާއިންގެ ތެރެއިން ކެޓްރީނާ ކައިފް އާއި ދިޕިކާ ޕަދުކޯން ކުރެން ކޮންމެވެސް އެކަކު ކަމަށް ވަނީ އަޑުތައް އަރާފަ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް މިދިޔަ ހަފްތާގެ ތެރޭގައި ސަލްމާން ލަޑަކަށް ދިޔަ ނަމަވެސް ސަލްމާނާއެކު ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ކާކުކަން އޮތީ ޔަގީންނުވެ އެވެ.

"ޓިއުބްލައިޓް" އަކީ ކަބީރް އުފައްދާ ފިލްމެއްގައި ސަލްމާން އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ތިންވަނަ ފިލްމަށްވީއިރު، މި ފިލްމުގެ ބަތަލާގެ ރޯލުން އޭނާ އާއެކު ފެނިގެންދާނީ ކެޓްރީނާ ނުވަތަ ދިޕިކާ ކަމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. ނަމަވެސް ސަލްމާނާއެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާ ޒޫ ޒޫ އެވެ.

ޒޫ ޒޫ ވެސް މިހާރު ފިލްމުގެ ޝޫޓިން ކުރިއަށްދާ ލަޑަކްއަށް ގޮސްފައިވާއިރު، އޭނާ ވަނީ ލަޑަކްގައި ހުންނަ ގަނޑުވަރެއްގެ މަތީގައި ސަލްމާނާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ލާފަ އެވެ. މީގެއިތުރުން ވެސް ޒޫ ޒޫ އަންނަނީ ލަޑަކްގެ ރީތިކަން ފެންނަ ގިނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާއަށް ލަމުންނެވެ.

ފިލްމުގެ ކްރޫ އާއި ކާސްޓުންނާ ލަޑަކްއިން ދިމާކުރުމުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި ހަތަރު ވަރަކަށް ދުވަހު އިންޑިއާގައި މަޑުކޮށް ޒޫ ޒޫ ވަނީ ހިންދީ ބަސް ދަސްކުރަން ފިލާވަޅުތަކެއްވެސް ނަގާފަ އެވެ.

މިފިލްމަކީ 1960ން 1962 އަށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އިންޑިއާގެ ޒުވާނާ އަށް ޗައިނާ ކުއްޖާ ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ސަލްމާން ކުޅޭ ރޯލުގައި އޭނާ އަށް ކިޔާ ނަމަކީ ޓިއުބްލައިޓެވެ. މި ފިލްމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ސަލްމާން މި ފިލްމުގައި ފެނިގެންދާނީ ކަންތައްތައް ނަގައިގަނެ ދަސްކުރުމުގައި ލަސްކަމެއް ހުންނަ ޒުވާނެއްގެ ރޯލުންނެވެ.

އެކްޓަރެއްގެ އިތުރުން ލަވަވެސް ކިޔާ ޒޫ ޒޫ ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވަނީ އެމްޓީވީ ޗައިނާގެ ވީޖޭއެއްގެ ގޮތުގަ އެވެ. ޗައިނާގެ އިތުރުން މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް އޮންނަ ޒޫ ޒޫ ވަނީ މަޝްހޫރު ގިނަފިލްމުތަކާއި ޓީވީ ސީރީޒްތަކުގައި ފެނިގެން ގޮސްފަ އެވެ. އެގޮތުން "ވަޓް ވުމަން ވޯންޓް" އާއި "މާކޯ ޕޯލޯ" އަދި "ޝަންހާއި ކޯލިން" އަކީ މީގެތެރެއިން އޭނާގެ ފާހަގަކޮށްލެވޭ ސީރީޒްތަކާއި ފިލްމެވެ.