ދުނިޔެ

ބްރެޒިލްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގަނީ

Aug 10, 2016

މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައިވާ ބްރެޒިލްގެ ރައީސް ދިލްމާ ރޫސެފްގެ އިތުބާރު ނެތް ކަމަށް ވޯޓް ނެގުމުގެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ފަށައިފިއެވެ.

މި ވޯޓް ކުރިއަށް ދާނީ ޓްރެއަލްއެއް ގޮތަށް މަރުހަލާ ތަކަށް ބަހައިލައިގެންނެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ރޫސެފްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގަން ފެންނަ ކަމަށް 59 މެންބަރުން ވަނީ ވޯޓް ދެއްވައިފަ އެވެ. ވޯޓްނަގަން ނުފެންނަކަށް 21 މެންބަރަކު ވޯޓް ދެއްވި އެވެ.

ބްރެޒިލްގެ މަޖިލީހުގައި އިއްޔެ ވަނީ ވޯޓާ ގުޅިގެން ހާއްސަ ޝެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ސެޝަންގައި ބްރެޒިލްގެ ސްޕްރީމް ކޯޓްގެ ރައީސް ރިކޯޑޯ ލެވަންޑޮސްކީ ވަނީ "މަޖިލީހުން ފަށަން ތައްޔަރުވާ މަސައްކަތަކީ ބްރަޒިލްގެ ގާނޫނު އަސާސީގެ ދަށުން ކުރިމަތިވާ އެންމެ މުހިންމު ޓާސްކް ކަމަށް" ވިދާޅުވެ މެންބަރުންނަށް އެކަން ހަނދާން ކޮށްދެއްވައިފައެވެ.

މަޖިލީހުން ވަނީ މެއި މަހުގެ 12 ވަނަ ދުވަހު ރޫސަފް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކޮރަޕްޝަނާ ނާޖާއިޒު ފައިދާ ބޭނުން ކުރަމުންގެންދާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ރޫސަފްއާ އޭނާގެ ސަޕޯޓަރުން ބުނެފައިވަނީ "އެއީ ބަޣާވާތެއް ގެނައުމަށް މަގުފަހި ކުރަން ފެށި މަސައްކަތެއް" ކަމަށް ބުނެފައެވެ.

މަޖިލީހުގައި ރޫސަފްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މިހާރު ބްރެޒިލްގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސް ނިމޭތާ ހަތަރު ދުވަސް ފަހުންނެވެ.

މަގާމުގެ މަސްއޫލއިްޔަތުތަކުން އެކަހެރިކޮށްފައި ހުރުމުން ރިއޯ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ ރޫސަފްގެ ނައިބު ރައީސް ޓޭމާއެވެ. މަޖިލީހުން ރޫސަފްގެ އިތުބާރު ނެތް ކަމަށް ފާސް ވެއްޖެނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމަޔަށް ރައީސް ކަމުގައި ހުންނަވާނީ ނައިބު ރައީސް ޓޭމާއެވެ.