އަވަސް ވީކެންޑް

ޒުވާނުންނަށް މިސާލެއް: ފިނޭންސް މިނިސްޓަރުގެ ނޭނގޭ ވާހަކަތައް!

  • ކިޔެވުމަށް ގަދަ ހިތްވަރު ކުރެއްވި ޒުވާނެއް
  • ވަޒީފާއަށް ސަމާލުކަން ދެއްވުމުގައި މިސާލެއް
  • މާލީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމުގެ އުންމީދުގައި

ޒުވާނުންނަށް މި ވަރުގެ މިސާލެއް މަދުވާނެ އެވެ. ނަމަވެސް ގިނަ މީހުންނަށް ނޭނގިދާނެ އެވެ؟ އެކަމަކު މިއީ ކޮންމެ މީހަކާ އަދި ކޮންމެ ބަޔަކާ ވެސް ގުޅިގެން އުޅެން އެނގިވަޑައިގަންނަވާ ހިންގުންތެރި އެކެވެ. ބައްޕަ ނިސްބަތް ވަނީ ގދ. މަޑަވެއްޔަށެވެ. މަންމައަކީ ތިނަދޫ ހީވާގި ބޭކަނބަލެކެވެ. މަދުރަސީ ހަޔާތް ސަރުކާރު ސްކޫލްތަކުގައި މާލޭގައި ހޭދަކުރެއްވި ނަމަވެސް، އާއްމު ގިނަ ދިވެހިންނެކޭ އެއްގޮތަށް ބޮޑުފުޅުވީ ކުލީ ކޮޓަރީގަ އެވެ. ނަމަވެސް ބަދަލުވެގެން އައި ގޮތް ނިކަން ދެކޭށެވެ. މިހާރު މިއީ ރާއްޖޭގެ ފިނޭންސް މިނިސްޓަރެވެ.

"އަޅުގަނޑު އާއިލާގައި ޖުމްލަ ނުވަ މެންބަރުން ތިބޭނެ. ބައްޕަގެ ބުރަ މަސައްކަތުން އުޅެމުން ދިޔައީ އެކަމަކު ވަރަށް ހާލުގައި. މާލޭގައި އެއް ގެއިން އަނެއް ގެއަށް ބަދަލުވަމުން ވަރަށް ހާލުގައި ކިޔެވީ،" 36 އަހަރުގެ ޒުވާން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު "އަވަސް" އަށް ވިދާޅުވި އެވެ.

މުނައްވަރަށް ވުރެ ހަގަށް އެ އާއިލާގައި ފަސް ބޭފުޅުން ތިއްބެން ވީ ތައުލީމް އުނގެނުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އެހެންވެ ތައުލީމް ހާސިލް ކުރެއްވުމަށް ކަށިން ހިތްވަރު ނެރުއްވި އެވެ. ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގަތް އެކަން ކަމަށް ކެތް ކުރައްވައިގެންނެވެ. އެންމެ ބޮޑު ދައްޗަކަށްވީ މާލޭގައި ބޯހިޔަވަހި ކަމާއި ޖާގައިގެ ދަތިކަމެވެ. ކުޑަ ތަންކޮޅެއްގައި އުޅެން ޖެހުމުން ދިމާވި އުނދަގޫތަކެވެ. ނަމަވެސް އެކަމުގައި ވެސް އިސްކުރެއްވީ ކެތްތެރިކަމެވެ. ޝަކުވާއެއް ނެތެވެ. މިކަމުން މުނައްވަރު ހިތްވަރު އެލުވައިލެއްވީ އެއް ނޫނެވެ. އެ ދުވަސްވަރު ފިލާވަޅު ދަސްކުރަން ޖެހުނީ މިސްކިތުގަ އެވެ. އެ ދުވަސްވަރުގެ އޭނާގެ "ދެ ވަނަ ސްކޫލަކީ" މިސްކިތެވެ.

"ވަރަށް ބޮޑަށް ހަނދާން އެބަހުރި އަޅުގަނޑު އޯލަވެލް ހަދަން އުޅުނުއިރުގެ ހަނދާން. ގޭގައި އެހާ ގިނަ މެންބަރުން ކުޑަ ތަންކޮޅެއްގައި އުޅެން ޖެހުމުން ނޯވެ ކިޔަވާނެ ޖާގައެއް. އެހެންވެ މަންމަ ވިދާޅުވާނެ ދާށޭ މިސްކިތައް ގޮސް ފިލާވަޅު ދަސްކުރަން. އެހެންވެ ފިލާވަޅު ދަސްކުރީ މިސްކިތުގައި އިނދެގެން،" އޭރުގެ ހަނދާންތައް އާ ކުރަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުނައްވަރު ކިޔަވާ ވިދާޅުވުމުގައި އެންމެ ގިނަ ވަގުތު ހޭދަ ކުރެއްވީ އިސްލާމީ މަރުކަޒުގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގެ އެއް ކަނަކީ އޭރުގެ އޭނާގެ ކްލާހެކެވެ.

"އިސްލާމީ މަރުކަޒުގައި [އަޅުގަނޑަށް] އިންނާނެ ކޯނާ އެއް. އެ ތަނުގައި އަޅުގަނޑު އިންނާނީ. ބައެއް ރޭރޭ ގޭގައި ނިދާނެ ތަންކޮޅެއް ނެތިގެން ގޭގައި ހުންނަ މޭޒެއްގެ މަތީގައި ބޯ އަޅާލައިގެން ވެސް ނިދަން. މިއީ ހަމައެކަނި އަޅުގަނޑު އެކަނި އުޅުނު ހާލެއް ނޫން. މި އަށް ވުރެ ދަތިކޮށް ނިކަމެތިކޮށް އުޅޭ ކިތަންމެ ބަޔަކު މާލޭގައި ދިރިއުޅޭ،" ތައުލީމް ހާސިލްކުރަން ކުރި ދަތުރުގެ ވާހަކަތައް "އަވަސް" އާ ހިއްސާ ކުރެއްވި އެވެ.

ސްކޫލް ދައުރު ނިންމާލުމާއެކު މުނައްވަރު އަވަސް ކުރެއްވީ ވަޒީފާއެއް ހޯއްދަވާށެވެ. ބޭނުންފުޅަކަށްވީ އާއިލާ އަށް އެހީތެރިވެވަޑައިގަތުމެވެ. އާއިލާ އުޅެމުން ދިޔަ ދަތި ހާލުން އަރައި ގަތުމަށް ކޮންމެ ވެސް އެހީއެއް ދެއްވޭތޯ ބެއްލެވުމެވެ. އެ ކަމުގައި ޒުވާނުންނަށް މިނިސްޓަރު ވަނީ މިސާލު ދައްކަވާފަ އެވެ.

"ބައެއް ޒުވާނުންނަށް ވަޒީފާއަކީ މުހިންމު އެއްޗަކަށް ނުވޭ. އެކަމަކު އަޅުގަނޑު އޯލެވެލް ނިމުމާއެކު ޓިއުޝަން ދޭން ފަށައިފިން ރަސްމީކޮށް. ކޮންމެ މީހަކު ވެސް ހުއްދަ ގޮތު ކުރެވެން އޮންނަ ވަޒީފާއެއް އަދާކުރަން ޖެހޭ. ސަރުކާރުން ހުޅުވައި ދޭ ދޮރުތަކުގެ ބޭނުން ޒުވާނުން ހިފަން ޖެހޭ. މަސައްކަތް ކުރީމަ މާތްﷲ ރަހުމަތް ލައްވާނީ،"

މިނިސްޓަރު މުނައްވަރު ސްކޫލްގައި ކިޔަވާ ވިދާޅުވި ދުވަސްވަރު، ފުރަތަމަ ބޭނުންފުޅުވީ އެކައުންޓިން ދާއިރާ އިން ކުރިއަރާށެވެ. އެކަމަކު ފަހުން އިގްތިސާދީ އިލްމަށް ލޯބި ޖެހިވަޑައިގެން އިގްތިސާދީ ތައުލީމް ހާސިލް ކުރަން ފެއްޓެވި އެވެ.

"ކިޔެވި ދުވަސްވަރު ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ބައެއް ޓީޗަރުން ވިދާޅުވޭ އަޅުގަނޑު ރަނގަޅު މާކްސް ފައިނޭންޝަލް ދާއިރާ ތަކުން ހޯދާތީ ކުރިއަށް ދެވިދާނެއޭ. އެހެންވެ ވަރަށް މަސައްކަތް ކުރިން. މިހާރު ވަރަށް އުފާވޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު މުނައްވަރު ހަމައެކަނި ތައުލީމް ހާސިލް ކުރެއްވީ އެކަންޏެއް ނޫނެވެ. ކިޔަވާ ވިދާޅުވަމުން ގެންދެވި އިރު އެހެން ކުދިންނަށް ކިޔަވައިދެއްވި އެވެ. ގްރޭޑް 10 އަކުން ފެށިގެން އިކޮނޮމިކްސް އާއި އެކައުންޓިން ފަދަ މާއްދާތަކުން ޓިއުޝަން ދޭން ފެއްޓެވި އެވެ. އޭގެ ފަހުން ރާއްޖޭގެ ގިނަ ކޮލެޖްތަކާއި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް ވެސް އުޅުއްވި އެވެ.

"ޓިއުޝަން ކްލާސްތަކުގައި ވެސް އިކޮނޮމިކް ސަބްޖެކްޓް ކިޔަވައިދިނިން. އެކަން [ކިޔަވައިދިނުން] އަދި ވެސް ހުއްޓައެއް ނުލަން،" ކިޔަވައި ދެއްވުމުގައި އުޅުއްވާތާ، 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ފުރަތަމަ ރަސްމީ ވަޒީފާއަކީ ޕާޓްޓައިމް ޓީޗަރު ކަމެވެ. އޯލެވެލް ނިންމެވުމަށްފަހު، ސޯޝަލް ސެންޓަރުގައި ބަޖެޓު އޮފިސަރަކަށް ވެސް އުޅުއްވި އެވެ. އަދި ސީއެޗްއެސްއީ ނިންމުމަށްފަހު، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ވަޒީފާވެސް އަދާކުރެއްވި އެވެ. އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަޒީފާއެއްގައި އިކޮނޮމިކް މިނިސްޓްރީގައި ވެސް އުޅުއްވި އެވެ. އޭގެ ފަހުން ފިނޭންސް މިނިސްޓްރީ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓަރުގެ މަގާމުގެ އޮފާ އައީ ފިނޭންސް މިނިސްޓްރީގައި ހިދުމަތް ކުރައްވަނިކޮށެވެ.

ދެން މި އޮތީ ފިނޭންސް މިނިސްޓަރުގެ މަގާމު މުނައްވަރަށް ލިބި ވަޑައިގެންނެވި ގޮތެވެ. މިއީ މުހިންމު ވަޒީފާއެކެވެ.

"ހަގީގަތުގައި ފިނޭންސް މިނިސްޓްރީގެ ވަޒީފާއަކީ ޒިންމާދާރު ވަޒީފާއެއް. އަޅުގަނޑު ކުރިން އެއްގޮތަކަށްވެސް އުންމީދު ކޮށްގެން ހުރި މަޤާމެއް ނޫން މިއީ. ނަމަވެސް، ރައީސުލް ޖުމްހޫރިޔާ އަބްދުﷲ ޔާމީން މި މަގާމު ހުށަހެޅުއްވުމުން ފަސްނުޖެހި އަޅުގަނޑު ގަބޫލުކުރީ. އެއީ އަދާކުރެވިދާނެ ކަމުގެ ޔަގީންކަން އޮތުމުން. އެއީ އެމްއެމްއޭ [މަރުކަޒީ ބޭންކް] ގައިވެސް 10 އަހަރަށްވުރެ ގިނަ ދުވަހު މިދާއިރާގައި މަސައްކަތް ކުރެވިއްޖެ. އެހެންވެ މި ދާއިރާގައި ހުރި މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ މަތް ﷲ ގެ ވާގިފުޅާއި އެކު ހުރިހާ ފަރާތްތަކުގެ އިރުޝާދާއި އެހީތެރިކަމާއެކު މި މަސްއޫލިއްޔަތު އަދާ ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކްގައި މަސައްކަތް ކުރެއްވިފައި ވުމާއެކު، ފިނޭންސް މިނިސްޓްރީއާ ގުޅުން ހުރި ދާއިރާތަކާ ކުރިއްސުރެން އޮތީ ގުޅުން ބަދަހި ވެފައިވާ ކަމަށެވެ.

"ޓެކްނިކަލް ޓީމްތަކާ ގުޅުން ބަދަހި ވެފައިވަނީ. ބޭންކުތައް ފަދަ މާލީ ދާއިރާ އާއި ގުޅުން ހުރި ގިނަ ތަންތަނުގައި ތިބީ އަޅުގަނޑާ އެކީގައި މަސައްކަތް ކުރެއްވި ބޭފުޅުން. އެހެންވީމަ މި ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމު ހަވާލުވުމާއެކު ގިނަ ބަޔަކު ގުޅައި ހިތްވަރު ދީފައިވާ ކަމަށެވެ.

"ގިނަ ބޭފުޅުން ވިދާޅުވީ ވާނެއޭ، ހާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ބޭފުޅުން ވެސް ގުޅުއްވާފައި ވަރަށް ކޮންފިޑެންސް އޮތް ކަމަށް ވިދާޅުވީ. ވަރަށް އުންމީދު ކުރޭ ރަނގަޅު ބަދަލު ތަކެއް އަންނާނެ ކަމަށް. ހަގީގަތުގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ ވެސް ރާއްޖޭގެ ފައިނޭންސް ދާއިރާ އަށް ރަނގަޅު ބަދަލު ތަކެއް ގެނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުނައްވަރު ދެކިވަޑައިގަންވާ ގޮތުގައި އިގްތިސާދީ ގޮތުން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިކޮނޮމިކް "ޓްރާންސްފޮމޭޝަނެއް" އިގްތިސާދީ އިންގިލާބެއް ގެނައުމަށެވެ.

"ހަގީގަތުގައި ވޭތުވެދިޔަ ފަހެއް ނޫނީ ހަތް އަހަރު ތެރޭގައި ވެސް ނެތް އިގްތިސާދީ ގޮތުން ބޮޑެތި ޕްރޮޖެކްޓް ތަކެއް ރާއްޖެއަށް ގެނެވިފައެއް. މިސާލަކަށް އެއާޕޯޓް. އެއާޕޯޓް ތަރައްގީ ނުކޮށެއް ރާއްޖެއަށް ތަރައްގީ ގެނެވޭކަން ނެތް. އަނެއް ޕްރޮޖެކްޓަކީ ހުޅުމާލެ. ރައީސް ޔާމީންގެ ވިސްނުން ފުޅަކީ މީހުން ޝައުގުވެރިކަމާއެކު އިންސެންޓިވް ތަކެއް ދީގެން ހިޖުރަ ކުރުވުން. މިހެން ވެއްޖެނަމަ ވިޔަފާރިތައް ތަރައްގީ ވެގެންދާނެ. މިއީ ދިގު މުއްދަތަށް ވިސްނާފައިވާ މުހިންމު ބަދަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުގެ ސީރިއަސްކަން ބޮޑެވެ؛ ނަމަވެސް މިނިސްޓަރު މުނައްވަރަކީ ވަރަށް ސޯޝަލް ބޭފުޅެވެ. މަގާމު ހަވާލުވެ ވަޑައިގެންނެވި ނަމަވެސް އެކަން ދުލެއް ނުކުރައްވަ އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގައި މަސައްކަތް ކުރެއްވިއިރު ވެސް އެމްއެމްއޭގެ "ސޯޝަލް ކްލަބު" ގެ އިސް މަގާމެއް ފުރުއްވި އެވެ.

މިނިސްޓަރުން ލިބި ވަޑައިގަތުމުން ވެސް ކުރިއެކޭ އެއްގޮތަށް ރަހުމަތްތެރިނާއެކު ވަގުތުވީ ވަރަކުން ފުޅުބޯޅަ ކުޅެން ވަޑައިގަތުމަކީ އުފަލެއް ކަމަށްދެކެ ވަޑައިގަންނަވަ އެވެ. އަދި މިނިސްޓަރު މުނައްވަރަކީ ވަރަށް އާއިލީ ވެސް ބޭފުޅެވެ. މުނައްވަރުގެ ދެ ބޭފުޅުން ތިއްބަވާއިރު، އާއިލާއަށް ވަގުތު ހުސްކުރެއްވުމަށް އިސްކަން ދެއްވަ އެވެ.

"ވީކެންޑްގައި ވީ ވަރަކުން އާއިލާއެކު ހޭދަކުރަން. އެއީ އަސްލު ވަރަަށް މުހިންމު ކަމެއް."

އާއްމު މީހެއްގެ ގޮތުގައި ސީދާ، ސާދާ ދިރިއުޅުމެއްގައި ބޮޑުވި، މުނައްވަރުގެ އަޒުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމެވެ. އެކަމަށް ހުންނެވީ އަތުކުރި އޮޅާލައިގެންނެވެ. ޒުވާނުންނަށް މިސާލު ދެއްކެވުމުގައި މި ވަރުގެ މިސާލެއް މަދުވާނެ އެވެ.