ސިއްހަތު

އާފަލުގެ އެންމެ ފޮނި ވާހަކަ

"އޭން އެޕްލް އަ ޑޭ، ކީޕްސް ދަ ޑޮކްޓާ އަވޭ،" މިއީ އާފަލުގެ އެންމެ ފޮނި އަދި އެންމެ އާންމު ވާހަކަ އެވެ.

އެހެންވީމަ މިއީ ކިހާވަރެއްގެ މޭވާއެއްތޯ އަދި އެއިން ލިއްބައިދެނީ ކިހާ "ފޮނި" ފައިދާއެއްތޯ ބަލާލަމާ ހިނގާށެވެ. ސައިންވެރިން އަދި އެންމެން ވެސް ބުނަނީ މިއީ ސަޅިބައިސާއެއް ނޫން ކަމަށެވެ.

އާފަލަކީ އެންމެ މަޝްހޫރު އަދި އެންމެ އާންމު މޭވާތަކުގެ ތެރެއިން ރަހަ އެކެވެ. އެންމެ ޑިމާންޑްބޮޑު އެއް މޭވާ އެވެ. އަދި އެންމެ ގިނައިން ހައްދައި އޭގެ ވިޔަފާރި ވެސް އެންމެ ފުޅާ އެއް މޭވާ އެވެ.

އަދި ތާރީޚީ ފަތްފޮތްތަކުން އެނގެން އޮތް ގޮތުން އެންމެ މުސްކުޅި މޭވާ އަކަށް ވަނީ ވެސް އާފަލެއް ނޫން ހެއްޔެވެ؟

އާފަލު ގަހާއި މި މޭވާގެ އަސްލު ގުޅިފައި ވަނީ މެދުތެރޭ އޭޝިއާއާ އެވެ. އުތުރު އެމެރިކާ އަށް އާފަލް ގެންގޮސް، އިންދީ އޭޝިއާގައި އޭރު ބާރުގަދަކޮށްގެން އުޅުނު ޔޫރަޕް މީހުންނެވެ.

އާފަލުގެ ވިޔަފާރީގެ ލިސްޓަށް ބަލާލާއިރު އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. ދެ ވަނާގައި އެމެރިކާ އަދި ތުރުކީ އެވެ.

ދެން މި ހިސާބުން އާފަލުގެ ފައިދާގެ ވާހަކަ އަށް ދެމިގަންނަމާ ހިނގާށެވެ. އާފަލަކީ އެންޓިއޮކްސިޑެންޓްސް އާއި ފްލެވަނޮއިޑްސް އަދި ޑައެޓަރީ ފައިބަރުން ފުރި މުއި އެރިފައިވާ މޭވާ އެކެވެ. އެހެންވީމަ ކެންސަރާއި ހައިޕާޓެންޝަން އަދި ހަކުރާއި ހިތުގެ ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގިނަ އެޖެންޓުންތަކެއް އާފަލުގައި އެބަވެ އެވެ.

ވިޓަމިން ސީ: ޔަގީނަށް ވެސް މިއީ އެންމެ މަޝްހޫރު އެންޓިއެކްސައިޑެންޓެވެ. ހަށިގަނޑުގައި އުފެދޭ ކުނިބުނީގެ ސަބަބުން ލިބޭ ވަރުބަލިކަން ފޮޅައިލުމަށް އެންމެ މަޝްހޫރު އެޖެންޓަކީ ވިޓަމިން ސީ އެވެ.

ވިޓަމިން ބީގެ ބާވަތްތައް: އެގޮތުން އާފަލުގައި ހިމެނޭ ރީބޯފްލެވިން އާއި ތިއާމިން އަދި ވިޓަމިން ބީ-6 ފަދަ މާއްދާތަކަކީ ރެޑް ބްލަޑް ސެލްސް އަށް ހަށިގަނޑުގެ އެތެރޭގެ މާހައުލު އޭގެ ގޮތުގައި ހިފަހައްޓައިދޭ މާއްދާތަކެވެ. ރެޑް ބްލަޑް ސެލް އަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އަށް ހިމާޔަތް ދީގެން ދައުރުކުރާ ހީމޯގްލޯބިން ގޮވައިގެން ދަތުރުކުރާ ލޭގެ ސެލްސްތަކެވެ.

ޑައެޓަރީ ފައިބާ: މިއީ ހަޖަމު ނުވެ ބާކީވާ ބައެވެ. ތަފާތު ބަލިތަކާ ދެކޮޅަށް މަސައްކަތްކުރެ އެވެ. ލޭ ހޫނުކޮށް އޭގެ ނުރައްކާ ބޮޑުކުރާ ކޮލެސްޓްރޯލް ވެސް ކޮންޓްރޯލް ކުރުމަށް މުހިންމު ރޯލެއް އަދާކުރެ އެވެ.

ނާރުގެ މައްސަލަ އަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި ވެސް ބޮޑު ސިއްހީ މައްސަލަ އެކެވެ.

ކުވާސިޓިންއޭ ނަމަކަށް ކިޔުނު އެންޓިއޮކްސިޑަންޓެއް އާފަލުގައި ހިމެނެ އެވެ. މިއީ ނާރުތަކަށް ދިމާވާ ތަފާތު މައްސަލަތަކާއި ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވާ މުހިންމު އެޖެންޓެކެވެ.

މީގެ އިތުރުން ވެސް އާފަލަކީ ވަރަށް ގިނަ އެހެން ބަލިތަކަށް ވެސް ފަސޭހައެކެވެ. އެގޮތުން ކޮލެސްޓްރޯލާއި ހަކުރު ބަލީގެ އިތުރުން ސްޓްރޯކާ ދެކޮޅަށް ވެސް ހަރަކާތްތެރިވާ ސިއްހީ މާއްދާތައް އާފަލްގައި ގިނަ ކަމަށް ސައިންސްވެރިން ބުނެ އެވެ. ދުވާލަކު އާފަލެއް ކެއުމަކީ އުރަމަތީ ކެންސަރުން ސަލާމަތްވުމަށް އޮތް ފުރުސަތެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ސައިންސްވެރިން ބުނަނީ ކެންސަރުގެ ހުރިހާ ވައްތަރަކާ ދެކޮޅަށް ވެސް އާފަލްގައި ހިމެނޭ މާއްދާތައް ހަރަކާތްތެރިވާ ކަމަށެވެ. އާފަލާއި އޭގެ ތޮށީގައި ގޮހޮރުގެ ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ އެންޓިއޮކްސައިޑެންޓްސް ހިމެނެ އެވެ.