ދުނިޔެ

ލަންކާގެ ބަންޑާރަނަޔަކަ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަނީ

Aug 11, 2016

އަވަށްޓެރި ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ވެސް ބޮޑު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އެތޯރިޓީން ބުނެފި އެވެ.

އެއާޕޯޓްގެ ރަންވޭ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ދެ ފިޔަވަސަކަށް ބާހަލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މިހާރު އޮތް ރަންވޭ ސަރައްދު ރީސާފޭސް ކުރުމެވެ. އެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ދެ ވަނަ ފިޔަވަހީގައި ހިމެނެނީ ރަންވޭ ބޮޑު ކުރުމަށްޓަކައި ދެ ވަނަ ރަންވޭއެއް އެޅުމުގެ މަސައްކަތެވެ. އެ ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހުއެވެ. ދެ ވަނަ ފޭސް ނިމޭއިރު މިހާރު ދުނިޔޭގައި ބޭނުން ކުރާ އެންމެ ބޮޑު އެއާކްރާފްޓް، އޭ380 ގެ މަތިންދާ ބޯޓަށް ފަސޭހަ ކަމާއެކު ހިދުމަތް ދެވޭނެ ކަމަށް ސިވިލް އޭޝިއޭޝަންގެ ޗެއާމަން އެޗްއެމް ނިމާލަސިރީ ވިދާޅުވި އެވެ. މީގެ ތެރޭގައި އެ ސައިޒްގެ ބޯޓްތައް ވެސް ޕާކް ކުރާނެ އޭރިއާއެއް ހެދިގެންދާނެ ލަންކާގެ ސަންޑޭ ޓައިމްސްއިން ބުނެއެވެ.

ނިމާލަސިރީ ވިދާޅުވީ ރީސާފޭސިން މަސައްކަތް މަސައްކަތަށް 50 މިލިއަން ޑޮލަރު ހޭދަ ކުރަން ނިންމާފައިވާ ކަމަށެވެ.

އަންނަ އަހަރު ޖަނަވަރީ މަހު މިހާރު އޮތް ރަންވޭގެ ސަރހައްދު ރީފޭސް ކުރާތީ އެކަމުގެ ސަބަބުން އެއާލައިންތަކަށް ދަތިތަކެއް ދިމަވާނެ ކަން ލަންކާގެ ސިވިލް އޭވިއޭޝަނުން ވަނީ ފަހަގަކޮށްފައެވެ.

އެ ނޫޙުން ބުނީ އެއާލައިންތަކަށް އަސަރު ކުރާނީ މަސައްކަތުގެ އެންމެ ފަހު ތިން މަހު ކަމަށާއި މިމައްސަލަ އެންމެ ބޮޑަށް ދިމާވާނީ ސްރީލަންކަން އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިންއާ ގަތަރު އެއާވެސް އަށް ކަމަށެވެ.

މަސައްކަތް ފެށުމަށްފަހު ކޮންމެ ދުވަހަކު ހެނދު 8:30 ން ހަވީރު 4:30 އެއާޕޯޓް ބަންދުކުރަންޖެހޭތީ ފްލައިޓް ޝޭޑިއުލްއަށް ބަދަލު ގެނައުމަށް ލަންކާގެ ސިވިލް އޭވިއޭޝަނުން ވަނީ އަނގާފައެވެ. މިކަމުގެ އަސަރު ކުރާނީ ދުވާލު އެވެ.