ދުނިޔެ

އައިއެސް އުފެއްދީ އޮބާމާ ކަމަށް ޓްރަމް ތުހުމަތު ކުރައްވައިފި

Aug 11, 2016

އިސްލާމިކް ސްޓޭޓް ނުވަތަ ދާއިޝްގެ ނަމުގައި ހަރަކާތް ތެރިވާ ޓެރަރިސްޓް ގުރޫޕްގެ ފައުންޑަރަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކަމަށް ސިފަކޮށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ފޮލޮރިޑާގައި ރޭ ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އައިއެސް އިން ރައީސް އޮބާމާއަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި "އޮބާމާ އަކީ އައިއެސްގެ ފައުންޑަރު،" ކަމަށެވެ.

ޓްރަމްޕް ވަނީ އޭނަ ކުރައްވާ ތުހުމަތު ތިން ފަހަރުމަތިން ތަކުރާރު ކުރައްވާފަ އެވެ.

"އޭނާ [އޮބާމާ] އަކީ އައިއެސްގެ ފައުންޑަރު.، އޯކޭ! އޭނާ އަކީ ފައުންޑަރު، އައިއެސް އުފެއްދީ އޭނާ! " ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމް ވަނީ އޮބާމާގެ އާއިލީ ނަން ބޭނުންފުޅު ކުރަވައި އެ ނަމާ އައިއެސްއާ ގުޅުވަން މަސައްކަތް ކުރައްވާފަ އެވެ.

މިމޭރުމުން ޓްރަމްޕްގެ ވާހަކަފުޅު ގެންދެވި އިރު މިދިޔަ ހަފުތަގައި ޓްރަމްޕް ވިދާޅުވެފައިވަނީ އައިއެސްގެ ފައުންޑަރަކީ ވާދަވެރި އަނެއް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ކަމަށެވެ. ނަމަވެސް ރޭ ޓްރަމްޕް ވިދާޅުވީ ހިލަރީއަކީ އައިއެސްގެ ކޯ ފައުންޑަރު ކަމަށެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާ އިރާގު ދޫކޮށް ފައިބާނެ ކަމަށް އިއުލާން ކުރުމުން އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ތުހުމަތު ކުރެއްވީ އެއީ އައިއެސް ނުރައްކަލަށް ފުރުސަތު ދިނުމަށް އޮބާމާ ކުރެއްވި ކަމެއްގެ ގޮތުގައެވެ.

ޓްރަމްޕްގެ ވަހަކަތަކަށް ރިޔާސީ ގެކޮޅު ވައިޓް ހައުސްއާއި ޑިމޮކްރެޓިކް ޕާޓިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.