ބޮލީވުޑް

"އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެއް އުފައްދަނީ

Aug 13, 2016

ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ މަންޒަރުތައް ސަލްމާން ޚާން ލަޑަކްގައި މިހާރު ނަގަމުން އަންނައިރު، މިި ފިލްމަށްފަހު ދެން އޭނާ ކުޅޭނެ ފިލްމެއް މިވަނީ ނިންމާފަ އެވެ.

ބުނެވޭ ގޮތުގައި ދެން ސަލްމާން ކުޅުމަށް ހަމަޖެހިފައިވަނީ ޔާޝް ރާޖް ފިލްމްސްއިން 2012 ވަނަ އަހަރު އުފެއްދި ބްލޮކްބާސްޓާ ފިލްމު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި، "ޓައިގާ ޒިންދާ ހޭ" ކިޔާ ފިލްމެކެވެ.

"އޭކް ތަ ޓައިގާ" ޑައިރެކްޓަކޮށްފައިވަނީ ކަބީރް ނަމަވެސް މިފިލްމު ދެވަނަ ބައި ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ސަލްމާން އެންމެފަހުން ފެނިގެންދިޔަ ޔާޝް ރާޖްގެ ފިލްމު "ސުލްތާން" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް އެވެ. "ސުލްތާން" އަކީ ޔާޝް ރާޖްއިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމެވެ. މިފިލްމަށް މިހާތަނަށް އިންޑިއާއިން އެކަނި ވަނީ 300 ކްރޯޑް ލިބިގެން ގޮސްފަ އެވެ.

ސަލްމާން މިހާރު ކުޅެން އަންނަ ފިލްމުގެ މަސައްކަތް ނިމުމުން މިފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ޔާޝް ރާޖްއިން ތައްޔާރުވަމުން އަންނަނީ މިފިލްމު 2018 އަހަރުގެ ކުޑައީދުގައި ރިލީޒްކުރާށެވެ. ސަބަބަކީ ކަބީރް ޚާންގެ "ޓިއުބްލައިޓް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ކުޑައީދުގައި ކަމަށް ވާތީ އެވެ.

މިފިލްމުގައި މަސައްކަތްކުރަމުން އަންނަ ގާތް ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މީގެ ހަތަރު އަހަރުކުރިން ރިލީޒްކުރި "އޭކް ތަ ޓައިގާ" އިން ގިނަ ރެކޯޑްތަކެއް މުގުރާލައި ސަލްމާންގެ ފިލްމަކަށް ފުރަތަމަ 200 ކްރޯޑް ލިބުނު ފިލްމަށް މިފިލްމު ވެގެން ގޮސްފައިވާއިރު، އެފިލްމެކޭ އެއްގޮތަށް "ޓައިގާ ޒިންދާ ހޭ" ތައްޔާރުކުރަނީ އީދުގައި ރިލީޒްކުރާ ގޮތަށް ކަމަށް ބުނެފަ އެވެ.

"ޓައިގާ ޒިންދާ ހޭ" އަކީ އަލީ އައްބާސް ޑައިރެކްޓްކުރާ ފިލްމެއްގެ ލީޑްރޯލުން ސަލްމާން ފެނިގެންދާނެ ދެވަނަ ފިލްމަށްވީއިރު، "އޭކް ތަ ޓައިގާ" ގެ ރެކޯޑް މިފިލްމަށް މުގުރާލެވޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި އެފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އަށް ވީއިރު، މިފިލްމުގެ ބަތަލާގެ ރޯލުން ސަލްމާނާ އެކު އޭނާ ފެނިގެންދާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.