ރިޕޯޓް

ހުވަފެނުގައި ކުލަ ޖެހިއްޖެ، އަދިވެސް ބޭނުމީ އެހީތެރިކަން!

އިއްޔެ ނެރޭ ފޯނު މިއަދު ގަންނަނީ އެވެ. އިއްޔެ ނެރޭ އެންމެ ފަހު ސައިކަލް މިއަދު ހޯދަނީ އެވެ. މިއީ ދިވެހިންނެވެ. މުއްސަނދި ދިވެހިންނެވެ. އުއްމީދުތަކާއި އެދުންތަކުން ފުރިފައި ތިބި ދިވެހިންނެވެ. ބޭނުންވާ އެއްޗެއް ލިބުމުން ނޫނީ ހިތްހަމަ ނުޖެހޭ ކެތްމަދު ދިވެހިންނެވެ. މިފަދަ ދިވެހިންގެ ނިސްބަތް ވަރަށް ވެސް ގިނަ އެވެ. ނަމަވެސް މަދު ނިސްބަތެއްގެ މީހުން މިއާ މުޅިން އިދިކޮޅެވެ.

އޭނާއަށް އޭނާ ހިތްއެދި އެދި އޮތް ކަންތައް ހާސިލުވީ، 50 އަހަރު ފަހުންނެވެ. މަންމައަކު ދަރިއަކު އުޅެމުންދާ ހާލުން އެ ދަރިފުޅަށް ލުޔެއް ހޯދައިދިނުމަށް ކުރި މަސައްކަތުގައި ކުލަ ޖެހިގެން ދިޔައީ 29 އަހަރު ފަހުންނެވެ. މިއީ، ހިނގުމުގެ ނަސީބުން މަހުރޫމްވެފައިވާ ތ. ކިނބިދޫ، ގުލްބަކާގެ ޒުލްފާ މުހައްމަދު، 50، އަދި ދ. ކުޑަހުވަދޫ އަފެންނާގެ އާދަމް ނަޝީދު، 29، ގެ ވާހަކަ އެވެ. އެމީހުން މި ހުރިހާ އަހަރުތަކުގައި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އެވެ. އުފުލަމުން ދިޔަ ތަކުލީފަށް ބޮޑު ލުޔެއް ލިބުނީ އެވެ.

ހިނގުމުގެ ކުޅަދާނަކަން މި ދެ މީހުންނަށް ވެސް ލިބިފައިނުވާއިރު ތަންތަނަށް ގޮސް އުޅެނީ ފުރޮޅުލީ ގޮނޑީގަ އެވެ. ބަލި މީހުން އުފުލުމަށް ހޮސްޕިޓަލްތަކުގައި ގެންގުޅޭ އާދައިގެ ފުރޮޅުލީ ގޮނޑީގަ އެވެ. އަތުން ފުރޮޅު އަނބުރައިގެން ކުރިއަށްދާ ގޮނޑި އެވެ. ނަމަވެސް މިހާރު މި ދެ މީހުންނަށް ވެސް ވަނީ އެންމެ ޒަމާނީ، އަތުން ދުއްވާލެވޭ ގޮތަށް މޮޅު ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ އަގު ބޮޑު ފުރޮޅުލީ ގޮނޑިއެއް ލިބިފަ އެވެ. މިއިން ގޮނޑިއެއްގެ އަގު ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާއަށް އަރަ އެވެ.

"އަހަރެން ބޭނުން ވަނީ ކަންކަން މުޅިން ބަދަލުކޮށްލަން،" ނާޝިދު އަދި ޒުލްފާގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިން ޑިސްއެބިލިޓީ އެންބެސެޑާ ހިޝާން އަހުމަދު ބުނީ މިހެންނެވެ. މި ދެ މީހުންނަށް ވެސް މި އުފާވެރިކަން ހޯދައިދިނީ ހިޝާނެވެ. މުޖުތަމައު ބަދަލުކުރުމަށް ހިޝާން ކުރަމުންދާ މަސައްކަތުގެ ތެެރެއިން ހެޔޮއެދޭ ފަރާތްތަކަކުން ހަދިޔާ ކުރި މި ގޮނޑިތައް އެކަމަށް އެންމެ ބޭނުން ޖެހިފައި ތިބި ޒުލްފާ އަދި ނާޝިދަށް ހިސާން ފޯރުކޮށްދިނީ އެވެ.

ނާޝިދާއި ޒުލްފާއަށް ލިބުނު އުފާ ފާހަގަކުރުމަށް ސިޓްރޮންގައި ބޭއްވި ކުޑަ ހަފުލާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. ހިޝާން އާއި އެމީހުންގެ އޮތް ގާތް ގުޅުން ކައިރިން ފެނުމުގެ ފުރުސަތު ވެސް ލިބުނެވެ. ލޭގެ ގުޅުމެއް ނޫނެވެ. ނަމަވެސް އެއަށްވުރެ ވެސް ބަދަހި ގުޅުމެކެވެ.

ނާޝިދަކީ އުފަންވިއިރު ވެސް ނުކުޅެދުންތެރިކަން ހުރި މީހެކެވެ. އޭނާގެ މަންމަ މާރިޔާ ދީ ބުނީ، ވިހޭއިރު ވެސް ނާޝިދުގެ އުނަގަނޑު ހުރީ ވަރަށް ހިމަކޮށް ކަމަށާއި ކޮޅަށް ހުރުމުގެ ބާރު އޭނާގެ ހަށިގަނޑުގައި ނުހުންނަ ކަމަށެވެ. މާރިޔާއަކީ މިހާރު 63 އަހަރު ވެފައިވާ މުސްކުޅި މަންމަ އެކެވެ. ނާޝިދު ވަރަށް ކުޑައިރު އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ. ހަތް ދަރިން ބަލައި ބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނީ އެ އެކަނިވެރި މަންމަ އެވެ. އެ މަންމަގެ އެންމެ ބޮޑު އުފަލަކީ ހުރިހާ ދަރިންނަކީ ވެސް ހަރުދަނާ ބަޔަކަށްވެފައިވުމެވެ. އެއްވެސް ދަރިއަކު ގޯސް މަގަކުން ގޮސްފައިނުވާތީ އެވެ. ނަމަވެސް ހިތާމަކޮށް ކަންބޮޑުވަނީ ނާޝިދާމެދު އެވެ. ލޯމަރާލަން ޖެހިއްޖެ ދުވަހެއްގައި ނާޝިދަށް ވާނެ ގޮތަކާމެދު އެ މަންމަ ކަންބޮޑުވެ އެވެ.

ކަންބޮޑުވުންތަކާއެކު މީގެ ހަ މަސް ދުވަސް ކުރިން މާރިޔާއަށް ބައްދަލުވީ ހިޝާނާ އެވެ. އޭނާ ބޭނުންވީ ދަރިފުޅަށް ފަސޭހައިން ދުއްވާލެވޭ ގޮނޑިއެއް ހޯދާށެވެ. ފުރޮޅު އަނބުރާ އަނބުރާ ނާޝިދުގެ އަތުގައި އެތައް ތަނެއްގައި ވަނީ ލަކުނު ލައިފަ އެވެ. އެ ހާލުގައި ދަރިފުޅު އުޅޭތަން ބަލަން އެ މަންމަ ބޭނުމެއް ނުވެ އެވެ. އެ ލަކުނުތަކުގައި އެ މަންމަ ފިރުމާލަނީ އޯގާތެރިކަމާއެކުގަ އެވެ. މާރިޔާގެ ނަސީބު އަތުގައި ހިފައި، ނާޝިދަށް މި ގޮނޑި ލިބިފައި މިވަނީ ވެސް ނަސީބުވެރި ދަތުރެއްގެ މަތީ މާރިޔާ ހުއްޓަ އެވެ. ނަސީބު ނަންބަރަކުން މާރިޔާއަށް ވަނީ ހައްޖު ދަތުރެއް ލިބިފަ އެވެ. މިހާރު މާލެ އައިސް ހުރީ ހައްޖަށް ދިޔުމަށެވެ. އަންނަ ހޯމަ ދުވަހު މާރިޔާ ހައްޖަށް ފުރާއިރު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދަރިފުޅަށް އެއްވެސް ތަކުލީފެއް ނެތި ދުއްވާލެވޭ ގޮނޑިއެއްގައި އިށީނދެލައިގެން ހިނިތުންވެ ދަރިފުޅު އިންނަތަން ފެންނާތީ އެވެ.

ނާޝިދަށް މި އުފާވެރިކަން ލިބިފައިވާއިރު، ޒުލްފާއަށް ވެސް ވަނީ ބުނަން ނޭނގޭ ފަދަ ބޮޑު އުފާވެރިކަމެއް ލިބިފަ އެވެ. އުމުރުން 50 އަހަރުވެފަިއވާއިރު މީގެކުރިން އޭނާ ވެސް އުޅެމުން ދިޔައީ ވަރަށް ހާލުގަ އެވެ. ޒުލްފާ މާލެ އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮތް އަތްތެރިކަމުގެ މައުރަޒަކަށެވެ. އޭނާއަކީ ވަރަށް ރީއްޗަށް އަނގޮޑި ފަދަ ތަކެތި އަމިއްލަ އަތުން ހަދާ އުޅޭ ހުނަރުވެރި އަންހެނެކެވެ. އެ މައުރަޒުގައި ހުޅުވާލާފައި އޮތް ފުރުސަތެއްގައި ކޮއްކޮގެ އެދުމުގެ މަތިން ޒުލްފާ ވެސް ބައިވެރިވި އެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް ދިނުމަށް ސަރުކާރުން ހުޅުވާލި ފުރުސަތެވެ. އެއްވެސް އުއްމީދެއް ނެތި އެކަމަށް ޒުލްފާ ވެސް ކުރިމަތިލި އެވެ. ޒުލްފާއަކީ އެއްވެސް ވަރަކަށް ސްކޫލަށް ގޮސް ތައުލީމު ހާސިލުކުރި މީހެއް ނޫނެވެ. ނަމަވެސް އަމިއްލައަށް ގޭގައި ކިޔަވައިގެން އިނގިރޭސި ކިޔައި ލިޔެލެވޭވަރުވެ އެވެ. އޭގެއިތުރަށް ޅެން ލިޔުމާއި ބޮޑުބެރު ޖެހުން ފަދަ ގިނަ ހުނަރުތަކެއް ވެސް ޒުލްފާގެ އެބަ ހުއްޓެވެ.

މި ހުރިހާ ހުނަރުތަކެއް ފެނި ސަރުކާރުން ވަނީ އާސަންދައިން ޒުލްފާއަށް ވަޒީފާ ހަމަޖައްސައިދީފަ އެވެ. މިހާރު އާސަންދަގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ޒުލްފާއަށް ކުރިން އޮފީހަށް ދާން ވެސް ޖެހެނީ އެހެން މީހަކާ އެކުގަ އެވެ. ނަމަވެސް އަލަށް ލިބުނު ގޮނޑިއާއެކު މިހާރު ޒުލްފާއަށް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވެ އެވެ. އެކަނި ގޮނޑި ދުއްވާލާފައި އޮފީހަށް ދެވެ އެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް ދަނީ ހިންހަމަ ޖައްސާލުމަށް ދެ ތިން ބުރު ވެސް އަޅާލުމަށްފަހު އެވެ. ޒުލްފާ ބުނާ ގޮތުގައި މީހުން އޭނާއަށް މަގުމަތިން ޖާގަ ދައްކަ އެވެ.

ހިނގުމުގެ ނަސީބު ގެއްލިފައިވީ ނަމަވެސް ނާޝިދަށް ވަނީ ޑޮކްޓަރުން އުއްމީދެއް ދީފަ އެވެ. އިންޑިއާގެ ބެންގަލޫރަށް ގޮސް ފަރުވާ ކުރެވޭނެ ކަމަށް ޑޮކްޓަރަކު ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހަރަދު އުފެލޭނެ ވަރުގެ ތަނަވަސް ކަމެއް މާރިޔާގެ ނެތެވެ. އެކަން މާރިޔާއަށް ކުރެވެން ނެތެވެ. އެކަމުގެ ފުން ހިތާމަ މާރިޔާ ކުރެ އެވެ.

ޒުލްފާއަށް ގޮނޑީގެ އުފާ ލިބިފައިވީ ނަމަވެސް އޭނާ ކުރާ ހިތާމައެއް އޮވެ އެވެ. މާލޭގައި އުޅެން އުނދަގޫވުމެވެ. ލިބޭ އާމްދަނީއިން ދެކޮޅު ޖައްސާލެވެނީ ކިރިޔާ އެވެ. ރަށުގައި ބޮޑު ގެއެއްގައި އުޅުމަށްފަހު މިހާރު ދިރިއުޅެމުން ދަނީ ދެ ފިޔަވަޅު އަޅާލެވޭ ވަރުގެ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ. ޒުލްފާއަށް ހީވަނީ "ޖަލަކަށް ލާފައި" ހުންނަ ހެނެވެ. ބޭނުން ވަނީ މިނިވަންވާން ކަމަށް ޒުލްފާ ބުންޏެވެ. ނަމަވެސް ވަޒީފާ އޮތީ މާލޭގަ އެވެ. އަބަދު ޑޮކްޓަރަަށް ދައްކަން ޖެހޭތީ ވެސް މާލޭގައި އުޅެން މަޖުބޫރެވެ.

ނާޝިދާއި ޒުލްފާ ފަދަ އެތައް ބަޔަކު އަދިވެސް މިކަމަށް ބޭނުންވެފައި އެބަ ތިއްބެވެ. ބޭނުން ވަނީ އެހީތެރިކަމުގެ އަތެކެވެ. ހިޝާން ބުނީ، އެފަދަ މީހުންނަށް ގޮނޑި ފޯރުކޮށްދިނުމަށް އަދިވެސް މަސައްކަތްކުރަމުންދާނެ ކަމަށެވެ. ބޭނުންވާ ބަދަލު ގެންނާނެ ކަމަށެވެ. މުއްސަނދި ދިވެހިން ބޭނުން ޖެހިފައިވާ މީހުންނަށް ކުޑަ ވަރެއްގެ ނަމަވެސް އެހީއެއްވުމަށް ހިޝާން އެދެ އެވެ.

އެތައް ވަގުތެއް މިފަދަ މީހުންނަށް ހުސްކޮށްލާ ހިޝާންއަށް މިކަމުން ލިބެނީ އެންމެ އުފަލެކެވެ. އެމީހުންގެ ހެޔޮ ދުއާ އާއި އަޅާލުމެވެ. ޒުލްފާ އާއި ނާޝިދުގެ ހިތުގައިހިޝާންއަށް ވަނީ ވަރަށް ބޮޑު ލޯތްބެއް ދީފަ އެވެ. ހާއްސަ ޖާގައެއް ދީފަ އެވެ. ޒުލްފާ ދެކޭ ގޮތުގައި ހިޝާންއަކީ އޭނާގެ ކޮއްކޮއެކެވެ. ވަރަށް ވެސް އޯގާތެރި އެވެ. ހިޝާންގެ އޯގާތެރި ކަމަށް ތައުރީފުކޮށް މާރިޔާ ވެސް ވަރުބައްޔެއް ނުވެ އެވެ. ހިޝާން އަކީ ދަރިއެއްގެ ގޮތުގައި މާރިޔާއެއް ވެސް ދެކެ އެވެ. އެ މަންމަގެ ފިރުމުންތަކުން ހިޝާންއަށް ލިބޭ ހިންމަޖެހުން އެއީ ހިޝާންއަށް މިކަމުން ލިބޭ އާމްދަނީ އެވެ.

ހިޝާން ބޭނުން ވަނީ އޭނާ ފަދަ ގިނަ މީހުންތަކެއް ރާއްޖޭގައި އުފެދުމެވެ. އަޅާލުމާއި އެހީތެރިކަން ބޭނުން މީހުންނަށް ކުޑަކުޑަ ވަގުތު ކޮޅެއް ވެސް ހުސްކޮށްލަން ކެރޭ ބަޔަކު އިތުރުވުމެވެ. އެމީހުން އުފާކޮށްދިނުމަށް އެކީ ވަގުތު ހޭދަކޮށްލަދޭނެ ބަޔަކު އިތުރުވުމެވެ. އޭނާ ބުނާ ގޮތުގައި މިހާރު ވެސް ދިވެހިން ވަނީ މިކަމުގައި ވަރަށް ބޮޑަށް ހޭލުންތެރިވެފަ އެވެ. އެމީހަކަށް ވީ ވަރަކުން މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އަޅާލަ އެވެ.