އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަން މާދަމާ ފަށާއިރު ސްކޮށް އެންމެ ވަރުގަދަކޮށްފައިވާ އެއް ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ. އަލުން ޗެމްޕިއަނުންނަށް ވުމަށް ޔުނައިޓެޑާއެކު ނުކުންނަނީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. އޭނާގެ ޓީމުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ ވެސް މިހާރު އެބަހުއްޓެވެ. އޭގެ ކުރިން ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ ޒްލަޓާން އިބްރަހިމޮވިޗެވެ.
އުމުރުން މިހާރު 34 އަހަރުގެ އިބްރަހިމޮވިޗަކީ ދާދި ފަހަކާ ޖެހެންދެން ސްވިޑްންގެ ކެޕްޓަނެވެ. އޭނާ ގައުމީ ޖާޒީ ބޭލީ މިދިޔަ ޔޫރޯ އަށް ފަހު އެވެ. އިބްރަހިމޮވިޗަކީ އޭނާ ގަބޫލުކުރާ ގޮތުގައި އަބަދުވެސް ރަސްކަލެކެވެ. އޭނާ ކުޅުނު ކޮންމެ ޓީމެއްގައި ވެސް އެންމެ މުހިންމު މީހަކީ އޭނާ އެވެ.
ނެދަލޭންޑްސްގެ އަޔެކްސް އާއި އިޓަލީގެ އިންޓަމިލާނާއި ޔުވެންޓަސް އަދި އޭސީމިލާނުގެ އިތުރުން ފްރާންސްގެ ޕީއެސްޖީގައި އޭނާ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ނަމަވެސް ސްޕޭނުގެ ބާސެލޯނާގައި އިބްރަހިމޮވިޗް ވެގެންދިޔައީ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. މިއާއެކު ކޯޗު ޕެޕް ގާޑިއޯލާ އާއި މައްސަލަ ޖެހި އެންމެ ފަހުން ކުލަބު ދޫކޮށްލަން ޖެހުނެވެ.
އިބްރަހިމޮވިޗްގެ ރައްޓެހިން ގަބޫލުކުރާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ވެގެންދާނީ ދެ ވަނަ އެރިކް ކެންޓޮނާ އަށެވެ. ޓީމުގެ އެއްވަނަ ކުޅުންތެރިޔާ އަށް ނުވާނަމަ އިބްރަހިމޮވިޗް ވަރަށް ގިނަ މައްސަލަ އުފައްދާނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. ޕްރެކްޓިހުގައި ޓީމުގެ ކުޅުންތެރިންނާ ދިމާކުރުމާއި ޓީމުގެ ތެރޭގައި އެކުވެރިކަން ނަގާލާނެ ކަމަށް އެމީހުން ދެކެ އެވެ.
"އޭނާގެ ދެ ފަރާތް ވެސް ބަލަންޖެހޭ. އޭނާއަކީ އެއްވަނަ ކަމަށްވާނަމަ ވަރަށް މޮޅު ކުޅުމެއް ދައްކާނެ. އޭނާއަކީ އެއްވަނަ އަށް ނުވާނަމަ އޭނާގެ ފުށުން މައްސަލަތައް ފެންނާނެ. އޭނާ ޕެޕް ގާޑިއޯލާއާ ވެސް އަރައިރުންވި. އަހަރެން ދެކޭގޮތުގައި މޮރީނިއޯ އަށް ޖެހޭނީ އޭނާ ވަށައިގެން ޓީމު ބިލްޑްކުރަން. ވޭން ރޫނީ އާއި އޭނާއާ ދެމީހުން އެކުގައި ކުޅެފިނަމަ ވަރަށް ފުރިހަމަވާނެ. އެކަން ނުވައްޖެމަ ކަންތައްތަކެއް ގޯސްވުން އެކަށީގެންވޭ،" އިބްރަހިމޮވިޗާއެކު ކުރިން ކުޅުނު ޕޮންޓަސް ބުންޏެވެ.
ކުރީގެ ކޯޗު މޮރީނިއޯ އޭނާގެ އެހީ އަަށް އެދުމުން އިބްރަހިމޮވިޗް ޔުނައިޓެޑަށް ދިޔައީ ދެ ފަހަރެއްގެ މަތީން އެކަމާ ވިސްނުމަށްފަހު އެވެ. ގޮތް ނިންމުމުގެ ކުރިން ޕްރެމިއާ ލީގުގައި ކުޅުނު ބައެއް ރައްޓެހިންނާ ވެސް މަޝްވަރާކުރި އެވެ. އެލީގަށް އޭނާ ދިޔައީ މިހާތަނަށް ނުކުޅެ އޮތް އެންމެ މަޝްހޫރު ލީގަކީ އެއީ ކަމަށްވާތީ އެވެ.