ރިޕޯޓް

ކުޅުދުއްފުށްޓަށް ފުޓްބޯޅައިގެ އީދެއް: ފޯރި ކެކިއަރަނީ!

ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ ހދ. ކުޅުއްދުއްފުއްޓަށް މި ދުވަސްވަރު މި ވަނީ އަދާޔާ ހިލާފަށް ފޯރިގަދަ އީދެއް އައިސްފަ އެވެ. މި އީދުގެ ފޯރި އިންތިހާއަށް ވެސް ގަދަ އެވެ. މިއީ ހަމައެކަނި ކުޅުދުއްފުއްޓަށް އައިސްގެން އުޅޭ އީދެކެވެ.

މިއީ ސިޔާސީ ގޮތުން މާލޭގައި ވަރަށް ފޯރިގަދަ ދުވަސްވަރެއް ނަމަވެސް ކުޅުދުއްފުށީގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. "އަބުރޭ"، "ސިޔާސީއޭ"، "ޕާޓީއޭ" ކިޔާނެ އެކަކު ވެސް ހަމަ ކުޅުދުއްފުށީގައި ނެތެވެ. ނަމަވެސް އެންމެން އެއް އަޑަކުން ގޮވަނީ "ޓީމް ކުޅުދުއްފުށި" މިހެން އެވެ. ކުޅުދުއްފުށީގައި އޮތީ، އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ވަރުގަދަ ފޯރި އެވެ.

މި އަހަރުގެ މި މުބާރާތަށް ކުޅުދުއްފުށި ޓީމު ނިކުތީ "މިއީ އަހަރެމެންގެ ފަހަރު" ކަމަށް ބުނަމުންނެވެ. މިދިޔަ އަހަރު ކުޅުދުއްފުށީގައި ކުޅުނު މި މުބާރާތުގައި ކުޅުދުއްފުއްޓަށް ރީތި ނަމެއް ނުލިބި ލަދު ގަންނަން ޖެހުމުން، މިފަހަރު ނިކުތީ ނުގުޑާ އަޒުމެއްގަ އެވެ. ރައްޔިތުންވި މާޔޫސްކަމުން ހިތްވަރު ލިބިގެން ރަށަށް ރީތި ނަމެއް ހޯދުމުގެ އަޒުމުގަ އެވެ. ކައިރި މުސްތަގުބަލެއްގައި ފުޓްބޯޅައިން ކުޅުދުއްފުއްޓަށް ރީތި ނަމެއް ލިބިފައެއް ނުވެ އެވެ.

"މިދިޔަ ފަހަރު ރަށަށް ރީތި ނަމެއް ނުލިބުނު މި މުބާރާތުގައި، ރަށުން ބޭރަށް ތަށި ދިޔައީ، ފުޓްބޯޅައިން ރީތި ނަމެއް ލިބުމަކީ އަބަދު ވެސް ބޭނުންވާ ކަމެއް، ރަށަށް ރީތި ނަމެއް ހޯދައިދޭން ވެސް ބޭނުންވޭ،" ޓީމް ކުޅުދުއްފުށީގެ ކުޅުންތެރިއަކު ބުންޏެވެ.

ކުޅުދުއްފުށީ ރައްޔިތުން ތިބީ ޝައްކެއް ވެސް ނެތް ގޮތުގައި ފުޓްބޯޅައިން ރަށަށް ތައްޓެއް ހޯދުމަށް ފެން ބޮވައިގެންފަ އެވެ. ރަށު ޒުވާނުންގެ ލޭގައި ފުޓްބޯޅަ ދައުރުވާއިރު އަންހެންވެރިންނާއި ފިރިހެންވެރިން ވެސް އެންމެ ފޯރި ނަގާ ކަމަކީ ފުޓްބޯޅަ އެވެ. ބޮޑު ރަށެއްގައި ސިޔާސީ އެއްވެސް ހިޔާލު ތަފާތުވުންތަކެއް ނެތި އަމާންކޮށް އޮތުމުގެ އެއް ސިއްރަށް ވެސް ފުޓްބޯޅަ ވާނެ އެވެ.

މި އަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުދުއްފުށި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ފައިނަލުން ޖާގަ ވަނީ ކަށަވަރުކޮށްފަ އެވެ. ފައިނަލް މެޗް އޮތީ އަންނަ އަންގާރަ ދުވަހު އެވެ. ޓީމް ކުޅުދުއްފުށިން ބުނާ ގޮތުގައި އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ސަޕޯޓެވެ. ކުޅުދުއްފުށީގެ ސަޕޯޓަރުން ވަރަށް ވެސް ތަފާތެވެ. ފޯރި ނެގުމުގައި އެވަރެއް ނެތެވެ.

ޔޫރޯގައި އައިސްލޭންޑުގެ ސަޕޯޓަރުން ގެންގުޅުނު ވައިކިން ކްލެޕް މިވަނީ ކުޅުދުއްފުށީގައި ގުގުމާލާފަ އެވެ. ޓީމް ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ސަޕޯޓް ގުގުމާލާފައިވަނީ މި އަތްތިލަ ބަޑިއާއެކު އެވެ.

"ވަރަށް ވަރަށް އުފާވޭ ހިތްވަރު ލިބޭ ސަޕޯޓަރުން އެހާ ބޮޑު ސަޕޯޓެއް ދޭތީ، މިއީ ދުވަހަކު ވެސް އަދި ނުވާވަރު، މިފަހަރު ވަރަށް ސަޅި، ދަނޑުމަތީގައި ހުންނައިރު ވަރަށް ޖޯޝް ލިބޭ އެ ސަޕޯޓުން،" ސަޕޯޓަރުންގެ އަގު ޓީމުގެ ކުޅުންތެރިއެއް ވަޒަންކުރީ މިހެނެވެ.

މިފަހަރު ކުޅުދުއްފުށީ ޓީމަށް ލިބެނީ ހަމައެކަނި ދަނޑަށް ވަންނަ ސަޕޯޓަރުންގެ ހިތްވަރެއް ނޫނެވެ. ރަށުގެ ބައެއް އޮފީސްތަކުން ވެސް ދަނީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ޖާފަތްތަކާއި ބާބަކިއުތައް ބާއްވަމުންނެވެ. އަދި ކުޅުދުއްފުށީ ޓީމާއެކު ތިބި ދެއްކުމަށްޓަކައި ވެސް ތަފާތު ކަންކަން ދަނީ ކުރަމުންނެވެ.

މި މުބާރާތުގައި ކުޅުދުއްފުށީގެ އިތުރުން ދެން ވާދަކުރަނީ ނޮޅިވަރަމާއި، ކުޅުދުއްފުށި، ހަނިމާދޫ، ނެއްލައިދޫ އަދި ނޭކުރެންދޫ އެވެ. އެ ޓީމުތަކުން ވެސް ވަނީ ކުޅުދުއްފުށީ ސަޕޯޓަރުންގެ ޖޯޝަށް ތައުރީފުކޮށްފަ އެވެ.

ކުޅުދުއްފުށި ކުޅުނު ކޮންމެ މެޗެއްގައި ވެސް ރަށު ސްޓޭޑިއަމް އެއް އަޑަކުން ގުގުމާފައި އޮތްއިރު، ފައިނަލް މެޗު އަދި މިއަށްވުރެ އެތައް ގުނައެއް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. ފައިނަލްގައި ކުޅުދުއްފުށި ބައްދަލުކުރަން ޖެހޭނީ ހަނިމާދޫއާ އެވެ. މި މުބާރާތުގައި މި ދެ ޓީމް ކުރިން ބައްދަލުކުރި މެޗުންވީ އެއްވަރެވެ.