ފިނިޕޭޖް

ދިވެހި ފިލްމެއްގެ ޓީޒާއަށް ފުރަތަމަ ފަހަރަށް ދެ ލައްކަ ވިއުސް!

ފިލްމު ޕްރޮޑިއުސާ ފާތިމަތު ނަހުލާ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ތަފާތު ސްޓައިލަކަށް ހަދާ "4426" އިއުލާނު ކުރުމާއެކު ނަހޫގެ ފޭންސް ތިބީ ފިލްމު ބެލޭނެ ދުވަހެއްގެ އިންތިޒާރުގައި ސިކުންތުތައް ގުނާށެވެ. ނަހޫގެ ސްޓައިލް ބަދަލުކޮށްލާ މި ފިލްމުގެ ކުރު ނަމަވެސް މަންޒަރެއް ބަލައިލަން ތިބީ ކެތްމަދުވެފަ އެވެ. އެ އިންތިޒާރަށް ނިމުމެއް އައީ މިދިޔަ މަހުގެ ތެރޭގައި ފިލްމުގެ ޓީޒާ ލޯންޗުކުރުމުންނެވެ.

ފިލްމުގެ ޓީޒާ ލޯންޗުކުރިތާ މަހެއް ވީއިރުވެސް ފިލްމުގެ ޓީޒާއަށް މިވަނީ ރިކޯޑް އަދަދަކަށް ވިއުސް ލިބިފަ އެވެ. ފިލްމު ލޯންޗުކުރުމާ ގާތްވަމުން އަންނައިރު ފިލްމަށް މިވަނީ ދެ ލައްކައަށްވުރެ ގިނަ ވިއުސް ލިބި ރިކޯޑެއް ހަދާފަ އެވެ. މި ޓީޒާ މިހާތަނަށް ދެ ލައްކަ ދިހަ ހާސް ފަހަރުވަނީ ބަލާފަ އެވެ.

ފޯފޯޓޫސިކްސްގެ ޓީޒާއަށް ތިން ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު 1،068 މީހުން ފޭސްބުކްގައި ޓީޒާ ޝެއާކޮށްފައިވެ އެވެ. ފާތިމަތު ނަހުލާގެ ސްކްރިޕްޓަކަށް އޭނާ އަދި އަހުމަދު ޝިނާން ޑައިރެކްޓްކުރާ މި ފިލްމްގެ ފުރަތަަމަ ޓީޒާއިން ވެސް ފިލްމަށްކުރާ އިންތިޒާރު ބޮޑުކޮށްލި އެވެ. އަދި އެ ޓީޒާއިން ފިލްމަކީ މޮޅު ފިލްމަކަށްވެގެންދާނެ ކަމަށް ބެލެވެ އެވެ. ކުރު ޓީޒާއިން ވެސް ފިލްމް ބިރުވެރިވާނެ ކަމުގެ އިހުސާސްކުރެވެ އެވެ.

މި ޓީޒާ ގިނަ ބަޔަކަށް ކަމު ގޮސްފައިވާކަން ފިލްމްގެ ފޭސްބުކް ޕޭޖަށް ލިބިފައިވާ ކޮމެންޓްތަކުން ވެސް އެނގެ އެވެ. އަދި ފިލްމްގެ އިންތިޒާރުގައި ތިބި ކަމާއި މިއީ ބަލަން ޖެހޭ ފިލްމެއް ކަމަށް ބުނެ މި ޓީޒާ އެތައް ބަޔަކު ފޭސްބުކްގައި ޝެއާ ވެސް ކޮށްފައިވެ އެވެ.

ޓީޒާއިން އެންމެ ބޮޑަށް ފާހަގަވި އަދި ބެލުންތެރިންނަށް ވެސް އެންމެ ކަމުދިޔަ މަންޒަރަކީ، އައްޒަ ކުއްލިއަކަށް އަލީ ފާރޫގްގެ ދެ އިނގިލި ކާލާ މަންޒަރެވެ. އެ މަންޒަރަކީ ފިލްމުގެ ބިރުވެރިކަން އިހުސާސްކުރެވޭނެ މަންޒަރަކަށް ވެ އެވެ. ފިލްމު އަދި ޓީޒާ ފުރިހަމަވެފައިވަނީ އިކުރާމްގެ ބެކް މިއުޒިކް އަދި ޖުމެއިލްގެ މޭކަޕްކުރުމުގެ ހުނަރާއިވެސް އެކުގަ އެވެ.

މިކަހަލަ އެތައް މަންޒަރެއް ފިލްމުގައި ފެނިގެންދާއިރު މިހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ މާޝަލް އާޓްސްގެ ތަމްރީނުތަކާއިވެސް އެކީގަ އެވެ. މަހެއްހާ ދުވަހަށް މި ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާއިރު ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންވެސް އެބަތިއްބެވެ. އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބު، އަދި ފައިސަލް ވެސް ހިމެނެ އެވެ. އަދި އަރަމުން އަންނަ ތިން ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޖުމެއިހް އަދި ޖުމައްޔިލް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.